ގއ. ގެމަނަފުށްޓަކީ މަސްވެރިކަމަށް ޓަކައި ރާއްޖޭގައި މަޝްހޫރު ރަށެކެވެ. އެރަށުގައި މަސްވެރިކަން ކުރާ ނުވަ ވަރަކަށް ދޯނި އޮންނައިރު، އެރަށުގެ ގިނަ ޒުވާނުންގެ ހިނގަނީ މަސްވެރިކަމުގެ ލެއެވެ. މަސްވެރިކަމަށް މަހަށް ނުކުމެ އުޅުމަކީ ހަމައެކަނި މަސްބޭނުމަށް ކުރާ ކަމަކަށް ވުރެ އިތުރަށް އެކަމަކީ ހިތް އުފާކޮށްލުމާއި މަޖާކޮށްލުމުގެ ގޮތުންވެސް ކުރެވިދާނެ ކަމެއްކަން ފާއިތުވި ދުވަސްތަކުގައި އެރަށުގެ މަސްވެރިންވަނީ ސާބިތުކޮށްދީފައެވެ.
ރާއްޖޭގެ ތާރީހުގައި ކަނޑުމަތީގައި ފުރަތަމަ ފުޓްސަލް މެޗެއް ކުޅުމުގެ ޝަރަފުވެސް ހޯދައިފައިވަނީ ގެމަނަފުށީ މަސްވެރިންނެވެ.
ގެމަނަފުށީ މަސްވެރިން އަނެއްކާވެސް މިވަނީ ތަފާތު ކަމެއްކޮށް ދިވެހިންގެ ސަމާލުކަން އަތުލައިފައެވެ. އެގޮތުން ގެމަނަފުށީގައި މަހަށް ދާ "ކަނޑު ރޯޅި" ދޯނީގެ މަސްވެރިން މިވަނީ ދޯނި މަތީގައި ކަސްރަތުކޮށްފައެވެ. ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުކަން ހޯދައިފައިވާ ހަސަން ސާޖިން ފޭސްބުކަށް ދޫކޮށްލި ވީޑިއޯއަކުން ދައްކުވައިދެނީ ދޯނީގެ އިންޖީނުކޮށިގަނޑު މަތީގައި ބަރިއަކަށް އޮށޯވެލައިގެން ތިބެ އެ ދޯނީގެ ފަޅުވެރިން ކަސްރަތު ކުރާ މަންޒަރެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ދޯނީގެ ފަޅުވެރީންގެ ތެރެއިން ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންވެސް މި ކަސްރަތުގައި ތަފާތެއް ނެތި ބައިވެރިވެ އެވެ. އަދި ކަސްރަތުގެ ހަރަކާތްތައް ހިންގަމުން ދަނީ ފުރިހަމަޔަށް އިންތިޒާމުކުރެވިގެން ކަމަށްވެސް ފެނެ އެވެ. އެ ގޮތުން ބައެއް ކަންކަން ކިޔައިދޭން މީހަކު ހުރެ އެވެ. އެމީހާގެ އަތުގައި އޮންނަ ފޯނުން ބައެއް ކަންކަން ބަލައެވެ. އެއީ ކުރިޔަށް އެގެންދާ ކަސްރަތު ކުލާހުގެ ފަރިތަކުރުންތައް ކަމަށް ވެދާނެ އެވެ. ކޮންމެ ދެ ސްޓެޕެއް ދެމެދުގައި އޭނާގެ ކަށިގަނޑުގެ އަޑުވެސް އިވެ އެވެ. އަދި ގަޑި ސެޓުކޮށް އެކި ހަރަކާތްތަކަށް ވަގުތު ސެޓުކޮށްގެން ގެންދަނީވެސް ފޯނުގެ އެހީގައި ކަމަށް ވެދާނެ އެވެ. މިއަދުގެ މަސްވެރީންނަކީ ޓެކްނޮލޮޖީއާ ފިސާރި ރައްޓެހި ބައެއްކަން އެއީ ފަޚުރުވެރިވާން ޖެހޭ ހަގީގަތެކެވެ.
ޒުވާން މަސްވެރިޔާ ބުނި ގޮތުންނަމަ އެއީ "ކަނޑު ރޯޅި" ދޯނިން މަހަށްދާ މީހުންގެ އާދައެކެވެ. ލިބޭ ހުސްވަގުތުތަކުގައި ކަސްރަތުކުރުމަކީ އެދޯނީގެ ފަޅުވެރިންނާއި ކެޔޮޅުން ގަޔާވެގެން ކުރާ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތު ކުރުމަކީ މުހިންމު ކަމެއް ކަމަށް ޒުވާން މަސްވެރިޔާ ވަނީ ބުނެފައެވެ.
ޒުވާން މަސްވެރިޔާ މީސް މީޑިއާއަށް ދޫކޮށްލި ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާން މަސްވެރިންގެ އިތުރުން ހަރު އުމުރުގެ މަސްވެރިންވެސް ކަސްރަތުތަކުގައި ބައިވެރިވެފައި ވެއެވެ. އެމީހުން އެކަން ކުރަނީ ވަރަށް ފޯރިއާސއި ޖޯޝާއި އެކުގައެވެ.
ތެދެކެވެ. ކަނޑުމަތީގައި ވިޔަސް ކަަސްރަތު ކުރުމަކީ މުހިންމު ކަމެކެވެ. ދުޅަހެޔޮކަންމަތީ ތިބުމަށް ކަސްރަތަށްވުރެ ވަކީން މޮޅު ފަރުވާއެއް ނެތެވެ. މިއީ އެހެން ދޯނިފަހަރުގައި ވެސް ކުރުން ރަނގަޅު ކަމެކެވެ. ލިބޭ ހުސްވަގުތުގައި ޓީމު ހަދައިގެން ކަސްރަތު ކުރުމުން ދުޅަޔެޔޮ ކަމަށް އޮތް ފުރުސަތު ބޮޑުކޮށްދޭނެ އެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް