އުޒްބެކިސްތާނަށް މިއީ ފުރަތަމަ ވޯލްޑް ކަޕެވެ. އެގައުމަކީ މެދުތެރޭ އޭޝިއާގެ ގައުމަކަށް ވޯލްޑް ކަޕުން ފެންނާނެ އެންމެ ފުރަތަމަ ގައުމުވެސް މެއެވެ. 1991 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން، ފުޓުބޯޅައިގައި އެ ގައުމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. 1994 ވަނަ އަހަރުގެ އޭޝިއަން ގޭމްސްއިން ރަން މެޑަލް ހޯދުމުގެ އިތުރުން، 2011 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ހަތަރުވަނަ މަގާމު ހޯދުން އެއީ އުޒްބެކިސްތާނުގެ ކުރިއެރުން ދައްކުވައިދޭ ހެއްކެކެވެ. އޭގެފަހުން 2025 ވަނަ އަހަރުގެ ކާފާ ނޭޝަންސް ކަޕްގެ ތަށިވެސް އުޒްބެކިސްތާނުން އުފުލާލައިފައިވެއެވެ.

އެ ކާމިޔާބީތައް ގުޅެނީ އުޒްބެކިސްތާނުން ފުޓުބޯޅައަށް ރަނގަޅު ދަނިޑިވަޅުގައި ކުރި ހަރަދެވެ. އިހުލާސްތެރިކަމާއެކު ކުރި ހަރަދެވެ. އަބްދުކޮދިރް ހުސަނޯވް މެންޗެސްޓާ ސިޓީއަށް ދިޔުމަކީ އެގައުމުގެ ފުޓުބޯޅައަށް އޮތް ސަމާލުކަން ބޮޑުކަން ދައްކައިދިން ޓްރާންސްފާއަކަށްވީ އިރު، އެގައުމުން ދެއްކީ އެހެން ގައުމަކަށް ނަމޫނާއެކެވެ މުޅި ކުޅިވަރަށްވެސް އެއީ ފިލާވަޅެއް ކަމަށް އުޒްބެކިސްތާނުން ދެކެއެވެ.

"އުޒްބެކިސްތާން ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ހަމައެކަނި ގައުމުގެ ފުޓުބޯޅައަށް ލިބުނު ކާމިޔާބީއެއް ނޫން. އެއީ މުޅި ކުޅިވަރުގެ ކާމިޔާބީއެއް. އެއީ މުޅި ގައުމުގެ ނަން ކުޅިވަރުން ފަވާލަން ލިބުނު ފުރުސަތެއް. މިއީ ދުނިޔޭގެ ކުޅިވަރަށްވެސް ރަނގަޅު ވާހަކައެއް،" އުޒްބެކިސްތާން އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އޮޓަބެކް އުމަރޯވް ވިދާޅުވިއެވެ.

އުމަރޯވް ފާހަގަކުރެއްވީ އުޒްބެކިސްތާނުން ވޯލްޑް ކަޕަށް ދިޔުމަކީ މުޅި ގައުމުގެ 28 މިލިއަން މީހުން އެއްބައިކުރުވާނެ ބޮޑު ޝަރަފެއް ކަމަށެވެ.

ދެން އޮތީ އެގައުމުން އެހިސާބަށް ދިޔަ ގޮތުގެ ވާހަކައެވެ. ބޭނުންކުރި ފޯމިއުލާގެ ވާހަކައެވެ. މުޅި ގައުމުގައި ދަނޑުތައް ގިނަކުރިއެވެ. އެކި ހިސާބުތަކުގައި އެތައް ދަނޑެއް އަޅައި، ފުޓުބޯޅައަށް ގިނަ ބަޔަކު ވައްދާނެ ގޮތެއް ހޯދިއެވެ. އޭގެ އިތުރުން ވޯލްޑް ކަޕް ފެންވަރުގައި ދެމި އޮތުމަށް މިހާރުވެސް އަންނަނީ 15،000 ދަނޑު، އެކިއެކި ސްކޫލްތަކުގައިވެސް އަޅަމުންނެވެ.

މިވަގުތުވެސް އުޒްބެކިސްތާނުން ގާތްގަނޑަކަށް 65،000 ޒުވާން ކުޅުންތެރިން، އެގައުމުގެ ފުޓުބޯޅަ ސިސްޓަމް ތެރޭގައި އެލީޓް ތަމްރީނުތައް ފުރިހަމަކުރަން ޖާގަ ދެމުންދެއެވެ. އެއީ މުޅި ގައުމުގައި ގުޅި ލާމެހިފައިވާ ފުޓުބޯޅަ ސްކޫލްތަކުގެ ތެރެއިންނެވެ. އޭގެ އިތުރުން 55،000 މީހުންގެ ޖާގައިގެ އިތުރު ސްޓޭޑިއަމެއް ދަނީ ތަރައްގީ ކުރަމުންނެވެ. އެއީ އެގައުމުގެ އެންމެ ބޮޑު ސްޓޭޑިއަމަށް ވާނެއެވެ.

"އުޒްބެކިސްތާނުގެ ފުޓުބޯޅައިގެ މަންޒަރަށް ނުކުންނަ ކޮންމެ ކުޅުންތެރިޔަކީ ދުރު ރާސްތާ ޕްލޭން ތެރެއިން، އެ ސިސްޓަމުގެ ތެރެއިން ގުޅިލާމެހިގެން ހިންގާ ޕްރޮޖެޓްގެ ތެރެއިން ނުކުންނަ ކުޅުންތެރިން. ޕްރިމިއާ ލީގު ކުޅުންތެރިޔާ ހުސަނޯވްއަކީވެސް ހަމަ އެ ސިސްޓަމުގެ ކުޅުންތެރިއެއް،" އުމަރޯވް ވިދާޅުވެފައިވެއެވެ.

އުޒްބެކިސްތާނުން ފުރަތަމަ ވޯލްޑް ކަޕަށް ނުކުންނާނީ ކުރިން ވޯލްޑް ކަޕް ތަށި އުފުލައިލުމުގެ ތަޖުރިބާހުރި ކޯޗަކާއެކުގައެވެ. އެއީ 2006 ވަނަ އަހަރު އިޓަލީއާއެކު ވޯލްޑް ކަޕް ހޯދި ފަބިއޯ ކަނަވާރޯއާއެކުގައެވެ. އެއީވެސް އުޒްބެކިސްތާނަށް ލިބޭ ފަހުރެއްކަން އުމަރޯވް ފާހަގަކުރިއެވެ.

"އަހަރެމެންނަކީ ދުނިޔޭގައި އެންމެ އަވަހަށް އާބާދީ އިތުރުވަމުންދާ އެއް ގައުމު. ޒުވާނުންގެ އާބާދީ އޮތީ އަދި އިތުރުވާން. އެހެންވީމަ މި ވޯލްޑް ކަޕަކީ އެތައް މިލިއަން ޒުވާނުންނެއްގެ ކުރިމަގަށް އެޅޭ ފިޔަވަޅެއް. މި ވޯލްޑް ކަޕް ވާނީ ފުޓުބޯޅައިގެ ހުވަފެން ދެކޭ ކޮންމެ ކުޅުންތެރިޔަކުވެސް އިންސްޕަޔާވާނެ މުބާރާތަކަށް،" އުމަރޯވް ފާހަގަކުރިއެވެ.

އުޒްބެކިސްތާނުން މިފަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭނީ ކޮލަމްބިއާގެ އިތުރުން ޑީއާރް ކޮންގޯގެ އިތުރުން ޕޯޗުގަލްއާ ދެކޮޅަށެވެ.