ރާއްޖޭގައި މިވަގުތު ބާއްވާ ކައިޓް ސާފިންގެ އެންމެ ބޮޑު ހަރަކާތް މިފަހަރު ހާއްސަވި އެއް ސަބަބަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ކައިޓް ސާފަރު، ތައިލެންޑްގެ ނަރަޕިޗިޓް ޕުޑްލާ (ޔޯ) ވާދަކުރުމެވެ. އެއީ ރާއްޖޭގެ ކައިޓް ސާފަރުންނަށްވެސް ލިބުނު ބޮޑު ޝަރަފެކެވެ.

ޔޯއަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ނަމެވެ. އޭނާ ވަނީ އޭޝިއާގެ ކައިޓް ސާފިން ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފައެވެ. އަދި ކައިޓްގައި ގަލްފް އޮފް ތައިލެންޑް ހުރަސް ކޮށްފައިވެސް ވެއެވެ. ޔޯ މިއަހަރުގެ ރާރާ ޕްރޯގެ ދެ ކެޓަގަރީގައިވެސް ވާދަކުރާނެއެވެ. އެއީ ސްލަލޮމް ރޭސިންގެ އިތުރުން މިއަހަރު އަލަށް ކުރިއަށްދާ ފްރީސްޓައިލް ކެޓަގަރީގައެވެ.

މިއަދުވެސް ޔޯގެ ވާދަވެރިކަން ފެނުނެވެ. ފުރަތަމަ ދުވަހުވެސް ފެނުނީ ޝައުގުވެރި، ވާދަވެރި ތަފާތު ރޫހެއްގެ މަންޒަރުތަކެވެެ. ފުރަތަމަ ރޭހުގެ ދެވަނައިގައި އޭނާ ނިންމާލީ މިދިޔަ އަހަރުގެ ޗެމްޕިއަން ބ. ގޮއިދޫގެ ހަސަން މާހިރު (ހަންޓޭ)ގެ ފަހަތުން ދެވަނައިގައެވެ. ދެވަނަ ރޭސް ޔޯ ކާމިޔާބުކުރިއެވެ. އަދި ތިންވަނަ ރޭސް އަނެއްކާވެސް ހަންޓޭ ހޯދި އިރު، ޔޯ ދެވަނައިގައި ވާދަކުރިއެވެ. ހަތަރު ވަނަ ރޭހުގައި އެ ވާދަވެރިކަމަށް މަޑުޖެހުމެއް އައީ، ދެ ރައިޑަރުން ޓެންގަލް ވެގެންނެވެ. އެ ރޭސް ނެގީ އާދަމް ރަފްހާނެވެ.

"މިއީ އަހަރެން ރާއްޖެ އައި ފުރަތަމަ ފަހަރު. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ މި މޫދުގެ ކުލަތައް. ވަރަށް ޗާލު ހިތްގައިމު ތަނެއް މިއީ. އަހަންނަށް މިއީ ވަރަށް ތަފާތު، އުފާވެރި ތަޖުރިބާއެއް،" ޔޯ، ކ.ދިއްފުށީގައި ހުރެ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

'"ޔޯ" ބްރީފިން އިވެންޓްގައި --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޔޯއަށް މިފަހަރު ލިބޭ އެންމެ ބޮޑު އުފަލަކީ ދިއްފުށީގެ ހިތްގައިމު މާހައުލެވެ. އުފާވެރި އެކުވެރިކަމެވެ. އަދި ހާއްސަކޮށް ދިއްފުށީގެ އެކުވެރިކަމާއި މެހެމާންދާރީއެވެ.

"ވަރަށް ހިތްހަމަ ޖެހޭ މި އެންމެންނާއެކު ކައިޓް ކުރެވުމުން. އެއީ ވަރަށް އުފާވާ ކަމެއް. މިއީ މިހާރު ރައްޓެހިން. އެއްކޮށް ކައިޓް ކޮށްލެވުމަކީ ވަރަށް ބޮޑު އުފަލެއް. ރޭސް ކޮންޑިޝަން މިއަދު ވަރަށް ރަނގަޅު. މާބޮޑަށް ވައި ބާރެއްވެސް ނޫން، އަދި މާ ބޮޑަށް ވައި ދަށްވެގެންވެސް ނުދޭ. އެހެންވީމަ އެންމެންނަށްވެސް ލިބުނު ރަނގަޅު ޕަވާގައި ކައިޓް ދުއްވާލަން ފުރުސަތު." ޔޯ ބުންޏެވެ.

ރާރާ ޕްރޯ ރޭސިން ޑިވިޝަންގެ ފަހު ދެ ހީޓް މާދަމާ އޮންނާނެއެވެ.