އުމުރުން 14 އަހަރުގެ އައިޝަތު، (އަސްލު ނަމެއް ނޫން) ކޮޓަރީގެ ކަނެއްގައި އިންދާ، ބޭރުން އިވެމުންދިޔައީ ކުޑަކުދީންގެ ދުވަސް ފާހަގަކުރަން ސްކޫލުގައި ޖަހަމުންދިޔަ އުފާވެރި ލަވަތަކުގެ އަޑެވެ. އެކަމަކު އޭނާގެ މޫނުމަތިން ފެންނަން ހުރީ ބިރުވެރިކަމާއި މާޔޫސްކަމެވެ. ގޭތެރޭގައި ކޮންމެ ދުވަހަކު ތަހައްމަލުކުރަން ޖެހޭ އަނިޔާތަކާއި، ސްކޫލަށް ދާ ކޮންމެ ފަހަރަކު ކުރިމަތިލާން ޖެހޭ ފުރައްސާރައިގެ ސަބަބުން، އޭނާގެ ކުޑަކުޑަ ދުނިޔެ ވަނީ އަނދިރިވެފައެވެ. ކުޑަކުދިންގެ ދުވަހަކީ ގިނަ ކުދިންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ވިޔަސް، އައިޝަތު ފަދަ އެތައް ކުދިންނަކަށް މިއީ ހަމައެކަނި ކަލަންޑަރުގައި އޮންނަ އިތުރު އެއް ދުވަހެވެ.

އޭނާގެ ވާހަކައަކީ ހަމައެކަނި އެއް ކުއްޖެއްގެ ވާހަކައެއް ނޫނެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހިމޭންކަމާއެކު ވޭން ތަހައްމަލުކުރަމުންދާ އެތައް ސަތޭކަ ކުދީންނެއްގެ ހަޔާތުގެ ހަގީގަތެވެ. މި ދުވަސް ފާހަގަކުރާއިރު، މުޖުތަމައުގައި ފޮރުވިފައިވާ މި ބޮޑު ކާރިސާއާ ކުރިމަތިލުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.

ދިވެހިރާއްޖޭގައި ކުޑަކުދީންނަށް ކުރާ އަނިޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު ފެންނަނީ ނުހަނު ކަންބޮޑުވާން ޖެހޭ މަންޒަރެކެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ކުޑަކުދީންނަށް ކުރާ އަނިޔާއާ ގުޅޭ 2،854 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ޖިންސީ އަނިޔާގެ 255 މައްސަލައާއި، އިހުމާލުވުމުގެ 250 މައްސަލަ ހިމެނެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެކަނިވެސް ޖިންސީ އަނިޔާގެ ޝިކާރައަކަށްވި 12 އަންހެން ކުދީންގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ފިރިހެން ކުދީންގެ ރިޕޯޓުކޮށްފައިވަނީ އެންމެ މައްސަލައެކެވެ. މި އަދަދުތަކުން ދައްކައިދެނީ އަންހެން ކުދީންނަށް އޮތް ނުރައްކާ ބޮޑުކަމާއި، ގޭތެރޭގެ މާހައުލަކީ ގިނަ ކުދީންނަށް ރައްކާތެރި ތަނަކަށް ނުވާކަމެވެ.

ޔޫއެންއެފްޕީއޭ އިން 2025 ވަނަ އަހަރު ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އެމީހުންގެ ހަޔާތުގައި ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް ތަހައްމަލުކޮށްފައިވާ މީހެކެވެ. މިއީ ކުޑަކުދީން ބޮޑުވަމުން އަންނަ މާހައުލުގައި އަނިޔާ އާންމުވެފައިވާ މިންވަރު ހާމަކޮށްދޭ ހިތާމަވެރި ހަގީގަތެކެވެ.

ގޭތެރޭގެ އަނިޔާގެ އިތުރުން، ސްކޫލް މާހައުލުގައި ކުދީންނަށް ކުރިމަތިވާ ބުލީކުރުމުގެ މައްސަލައަކީވެސް އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ ހަތަރު ކުއްޖަކުން އެކަކީ ސްކޫލުގައި ބުލީގެ ޝިކާރައަކަށްވެފައިވާ ކުއްޖެކެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ކޮށްފައިވާ ދިރާސާއަކުން ހާމަވާގޮތުގައި، ފުރާވަރުގެ ކުދީންގެ މެދުގައި ކުރެވޭ ބުލީގެ 74 އިންސައްތައަކީ ބަހުގެ ހަމަލާތަކުން ކުރާ ފުރައްސާރައެވެ. މީގެ އިތުރުން 43 އިންސައްތަ ކުދީން ވަނީ އެހެން ކުދިންނަށް ޖިސްމާނީ ގޮތުން ހާނިއްކަކޮށްފައިކަމަށް އެއްބަސްވެފައެވެ. އަދި 61 އިންސައްތަ ކުދީންނަކީ ކޮންމެވެސް ސިފައެއްގައި ބުލީގެ ޝިކާރައަކަށްވެފައިވާ ކުދީންނެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މި އަހަރުގެ ފެބްރުއަރީ މަހު ތައުލީމީ ވުޒާރާއިން ވަނީ ގްރޭޑް 10 ގެ 900 އަށްވުރެ ގިނަ ދަރިވަރުންނަށް އަމާޒުކޮށްގެން މެލޭޝިއާގެ ޔުނިވަސިޓީ އޮފް މަލާޔާ އާ ގުޅިގެން އެންޓި-ބުލީން އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފައެވެ. ނަމަވެސް، މިއީ ހަމައެކަނި އެއް ޕްރޮގްރާމަކުން ހައްލުކުރެވޭނެ ވަރަށްވުރެ މޫލާފައިވާ މައްސަލައެކެވެ. ސްކޫލްތަކުގެ ތެރޭގައި ހިނގާ މިފަދަ ކަންކަން ގިނަ ފަހަރަށް ސިއްރުކުރެވެނީ، ކުދީންގެ މެދުގައި އޮންނަ ބިރުވެރިކަމެއްގެ ސަބަބުންނެވެ. ސައިބަރ ބުލީކުރުން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކުރުން އިތުރުވަމުންދާއިރު، ކުދީންނަށް ސްކޫލުން ބޭރުގައިވެސް މިކަމުން ސަލާމަތްވެވޭކަށް ނޯވެއެވެ.

މިފަދަ އަނިޔާތަކުގެ ސަބަބުން ކުދީންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކަކީ އުމުރު ދުވަހަށް ދެމިގެންދާ ފާރުތަކެކެވެ. ޗައިލްޑްލައިޓް ގްލޯބަލް ޗައިލްޑް ސޭފްޓީ އިންސްޓިޓިއުޓުން 2025 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން، ދެކުނު އޭޝިއާ ސަރަހައްދުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ތަކެތި (ސީއެސްއޭއެމް) އަށް އެންމެ ގިނައިން ވަންނަ ގައުމަކީ ދިވެހިރާއްޖެއެވެ. އާބާދީގެ ކޮންމެ 10،000 މީހަކަށް 94 ނޯޓިސް ރާއްޖެއިން ރިޕޯޓުކޮށްފައިވާއިރު، މިއީ ކުޑަ އާބާދީއެއް އޮންނަ ގައުމަކަށް ނުހަނު ބިރުވެރި އަދަދެކެވެ. މިފަދަ ނުރައްކާތެރި މާހައުލެއްގައި ބޮޑުވާ ކުދިންނަށް ކުރިމަތިވާ ނަފްސާނީ ގެއްލުންތަކުގެ ތެރޭގައި، އަމިއްލަ ނަފްސަށް އިތުބާރު ނުކުރުމާއި، ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ބަލިތައް ހިމެނެއެވެ. ކުޑައިރު ލިބޭ އަނިޔާގެ ސަބަބުން ސިކުނޑީގެ ހެދިބޮޑުވުމަށް ބުރޫއަރައި، މުސްތަޤުބަލުގައި ރަނގަޅު ގުޅުންތައް ބިނާކުރުމަށް އެކުދިންނަށް ނުކުޅެދެއެވެ. ޔުނިސެފް ފަދަ ބައިނަލްއަޤުވާމީ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، އަނިޔާ ލިބޭ ކުދީންނަށް ވަގުތުން ފަރުވާ ނުދެވިއްޖެނަމަ، އެކުދީން ބޮޑުވެގެން މުޖުތަމައާ އެކަހެރިވުމުގެ ފުރުސަތު ބޮޑެވެ. މިކަމަށް ފަރުވާ ދިނުމަށްޓަކައި ރާއްޖޭގައި ހުރި ނަފްސާނީ ސިއްހަތުގެ ވަސީލަތްތައް އަދިވެސް އެކަށީގެންވާ ވަރަށް ތަރައްގީކުރެވިފައެއް ނުވެއެވެ.

މިފަދަ ބޮޑެތި މައްސަލަތަކެއް މުޖުތަމައުގައި އޮތްއިރު، ކުޑަކުދީން ރައްކާތެރިކުރުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކުގެ ނާކާމިޔާބީއަކީވެސް ފާހަގަކުރަން ޖެހޭ ކަމެކެވެ. ދައުލަތުގެ މުއައްސަސާތަކުން 1412 ފަދަ ހެލްޕްލައިންތައް ގާއިމުކޮށްފައިވީ ނަމަވެސް، މައްސަލަތައް ތަހުގީގުކުރުމުގައި ހުންނަ ލަސްކަމާއި، ވަސީލަތްތަކުގެ މަދުކަމުގެ ސަބަބުން ގިނަ ކުދީންނަށް އިންސާފު ލިބުމުން ވަނީ މަހުރޫމުވެފައެވެ. ކުޑަކުދީންނާއި އާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ ހިދުމަތްތަކަށް އޮންނަ ބާރު ބޮޑުވުމުގެ ސަބަބުން، ކޮންމެ މައްސަލައަކަށް ދޭން ޖެހޭ ފުރިހަމަ ސަމާލުކަން ނުދެވޭކަން އެއީ ހަގީގަތެކެވެ. ހާއްސަކޮށް ރަށްރަށުގައި ތިބޭ ކުދީންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. މީގެ އިތުރުން، މުޖުތަމައުގެ ތެރޭގައި އަނިޔާ ސިއްރުކުރުމުގެ ސަގާފަތެއް އޮތުމަކީވެސް ނިޒާމީ ގޮތުން ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އާއިލާގެ ތެރޭގައި ހިނގާ ކަންކަން ބޭރަށް ނޭންގުމަށް ބާރުއަޅާ ވިސްނުމުގެ ސަބަބުން، އަނިޔާ ލިބޭ ކުއްޖާއަށް އެހީތެރިކަން ހޯދުމަށް ހުރަސްއެޅެއެވެ. ގާނޫނީ އޮނިގަނޑުތައް ހުރި ނަމަވެސް، އެ ގާނޫނުތައް ތަންފީޒުކުރުމުގައި ހުރި ބާގަނޑުތަކުގެ ސަބަބުން، ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި މުޖުތަމައުގެ ތެރޭގައި މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ފަހިވެގެންދެއެވެ. ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެން ދިއުމަކީވެސް އަނިޔާ ލިބޭ ކުދީންނަށް އިތުރު ވޭނެއް ތަހައްމަލުކުރަންޖެހޭ ކަމެކެވެ.

މި ކަންކަމުން ކުދީން ސަލާމަތްކުރުމަށްޓަކައި، ހަމައެކަނި ދައުލަތުގެ މުއައްސަސާތަކަށް ބަރޯސާވުމުގެ ބަދަލުގައި، މުޅި މުޖުތަމައުގެ ބައިވެރިވުން ނުހަނު މުހިއްމެވެ. އަމިއްލަ ޖަމާއަތްތަކުން މިކަމުގައި މުހިންމު ދައުރެއް އަދާކުރަމުންދެއެވެ. މިސާލަކަށް، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ފަދަ ޖަމާއަތްތަކުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ‘ހޯޕް’ ކެމްޕޭން ފަދަ ހަރަކާތްތައް ފަށައިފައެވެ. މިފަދަ ޕްރޮގްރާމްތަކުގެ މަގުސަދަކީ އަނިޔާގެ ޝިކާރައަކަށްވާ ކުދިީން ދެނެގަނެ، އެކަންކަން ރިޕޯޓުކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންނަށް މަގުފަހިކޮށްދިނުމެވެ. ސްކޫލްތަކާއި، މިސްކިތްތަކާއި، އަދި އަވަށްޓެރިންގެ ފެންވަރުގައި ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ އެންމެންގެ ގުޅިފައިވާ ޒިންމާއެކެވެ. އަވަށްޓެރިޔާގެ ގޭތެރެއިން އިވޭ ރުއިމުގެ އަޑަށް ބީރުކަންފަތެއް ދިނުމުގެ ބަދަލުގައި، އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެކެވެ. މުޖުތަމައު ބިނާވެފައިވަނީ އެކަކު އަނެކަކަށް އަޅާލައި، ރައްކާތެރިކަން ފޯރުކޮށްދޭ ބައެއްގެ މައްޗަށް ކަމުގައި ވާންޖެހެއެވެ. ކުޑަކުދީންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ކޮންމެ ރަށެއްގައިވެސް ކުޑަކުދީންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކޮމިއުނިޓީ ބޭސްޑް މޮޑެލްތަކެއް ތައާރަފުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެކެވެ.

ކުޑަކުދީންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ހަމައެކަނި އިހުތިޔާރީ ކަމެއް ނޫނެވެ. އެއީ އިންސާނީ އަސާސީ ހައްގެކެވެ. ކޮންމެ ކުއްޖަކަށްވެސް ބިރުވެރިކަމެއް ނެތި، ލޯތްބާއި އަޅާލުމާއެކު ބޮޑުވުމުގެ ހައްގު ލިބިގެންވެއެވެ. އައިޝަތު ފަދަ ކުދީންނަށް ބޭނުންވަނީ ހަމައެކަނި ކުޑަކުދީންގެ ދުވަހު ދޭ ހަދިޔާއެއް ނޫނެވެ. އެކުދީންނަށް ބޭނުންވަނީ އަނިޔާއިން ސަލާމަތްވެފައިވާ، ރައްކާތެރި މާދަމާއެކެވެ. ތަފާސްހިސާބުތަކުން ފެންނަ ބިރުވެރި އަދަދަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ އަކުރުތަކެއް ނޫނެވެ. އެއީ ފުރާނަ ހުރި، އިހުސާސްތަކެއްވާ ކުދީންތަކެކެވެ.