ފުޓްބޯޅަ

ރޮނާލްޑޯއާއި މެސީއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިން: ނެޑްވެޑް

މިދިޔަ 15 އަހަރު ދުވަހު ތެރޭގައި ފުޓުބޯޅައިގެ ރަސްކަން ކުރި ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިން ކަމަށް ކުރީގެ ފުޓުބޯޅަ ތަރި އަދި މިހާރު ޔުވެންޓަސްގެ ވައިސް ޗެއާމަން ޕަވެލް ނެޑްވެޑް ބުނެފިއެވެ.

ޔޫއެފާގެ އެވޯޑުތައް ދިނުމުގެ އިތުރުން މިސީޒަންގެ ގްރޫޕް ސްޓޭޖް މެޗުތަކަށް ރޭ ވަނީ ގުރުއަތު ނަގައިފައެވެ. މިއަހަރުގެ ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބަޔާން މިއުނިކްގެ ރޮބާޓް ލެވަންޑޮސްކީއަށް ލިބިފައިވާ އިރު، މިއަހަރުގެ އެވޯޑަށް ރޮނާލްޑޯއާއި މެސީ ނޮމިނޭޓް ވެފައެއް ނުވެއެވެ. ލެވަންޑޮސްކީ ވާދަކޮށްފައިވަނީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާއާއި ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާއާއެވެ.

މިދިޔަ 12 އަހަރުގެ ތެރެއިން ރޮނާލްޑޯއާއި މެސީ 11 އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ގެންދިޔަ އިރު، މިއަހަރު ގްރޫޕް ސްޓޭޖުގައި ބާސާއާއި ޔުވެންޓަސް ހިމެނުނީ އެއް ގްރޫޕެއްގައެވެ. އެހެންކަމުން ގްރޫޕް ސްޓޭޖުގައިވެސް މެސީއާއި ރޮނާލްޑޯ ކުރިމަތިލާން ޖެހޭނެއެވެ.

"ބާސާއާ ދެކޮޅަށް ޔުވެންޓަސްއިން ނުކުންނަ މެޗަކީ ޝައުގުވެރިވާނެ މެޗެއް. ސަބަބަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް އެއީ. އަދިވެސް މެސީއާއި ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން،" 2003 ވަނަ އަހަރު ބެލޮންޑިއޯ ހޯދި ނެޑްވެޑް ބުނެފައިވެއެވެ.

ނެޑްވެޑް އިތުރަށް ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ހުރިހާ މެޗަކަށްވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށާއި އެއްވެސް ޓީމެއް ބަލި ނުވާނެ ކަމަށެވެ.

ރޮނާލްޑޯ ރެއާލްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު މިހާރު ކުޅެމުން އަންނަނީ ޔުވެންޓަސްއަށެވެ. ރެއާލްއާއެކު ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު އުފުލައިލިއެވެ. އޭގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއެކު ވެސް ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މުޅި ސީނިއާ ކެރިއަރު އެއް ކްލަބެއްގައި ހޭދަކުރަމުން އަންނަ މެސީ ވަނީ ބާސާއާއެކު ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލައިފައެވެ.

މެސީއާއި ބާސާއަށް މިދިޔަ ދެތިން އަހަރުވެސް ޗެމްޕިއަންސް ލީގުގައި ހިތްދަތިކަން ކުރިމަތިވެފައިވާ އިރު، މިދިޔަ އަހަރު ޔުވެންޓަސްއާއެކު ރޮނާލްޑޯއަށްވެސް ކުރިމަތިވީ ނާކާމިޔާބީއެވެ.