ހިޔާނާތްތެރިވި ފައިސާއިން އެއްވެސް މިންވަރެއް ނުހޯދައި އަދަބަށް ލުއިދިނުމަށް އިއުތިރާފުގެ އެއްބަސްވުން ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފު ވެ، ރައްޔިތުންގެ ކިބައިން ވަނީ މައާފަށް އެދިފައެވެ. އެ މައްސަލައިގައި ޝަރުއީ މަރުހަލާގައި އެއްބާރުލުން ދިނުމަށް އަދީބާއި ދައުލަތާ ދެމެދު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

އަދީބާއި ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާއަށް އަންނާނީ ޖުމުލަ 20 އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު، އަހްމަދު އުޝާމް ވިދާޅުވީ ތައުބާވެ މައާފަށް އެދުމަކީ ރިވެތި ސިފައެއް ނަމަވެސް ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ އެއްވެސް ފަރާތެއް އިސްތިސްނާ ނުކޮށް، ހިޔާނާތުން ފައިދާ ލިބުނު ހުރިހާ ފަރާތްތަކެއްގެ ނަންތައް ހާމަކޮށްދިނުމަށް ކަމަށާއި ހިޔާނާތުގެ ބައިވެރިންނަށް ހައްގު އަދަބު ލިބުން ކަމަށް ކަމަށެވެ.

އުޝާމްގެ ޓުވީޓު ރީޓްވީޓު ކުރައްވައި މުއިއްޒު ވިދާޅުވީ އެންމެ މުހިންމީ ހިޔާނާތުގެ ފައިސާ އަނބުރާ ހޯދުން ކަމަށާއި ގެއްލުމުގެ ބަދަލުވެސް ލިބެން ޖެހޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މައްސަލައިގައި ލޯ ލާރިއެއް ވެސް ދައުލަތަށް ހޯދިފައި ވޭތޯ މުއިއްޒު ވަނީ ސުވާލު އުފައްދަވައިފައެވެ.

"ހިޔާނާތްތެރިވި ފައިސާ އަނބުރާ ހޯދުން އެންމެ މުހިންމީ. ގެއްލުމުގެ ބަދަލުވެސް ލިބެން ޖެހޭނެ. އެމްއެމްޕީއާރްސީ މައްސަލައިގައި ލޯ ލާރިއެއްވެސް ދައުލަތަށް ހޯދިއްޖެބާ؟ ހިޔާނާތްތެރިވި ފައިސާއިން އެއްވެސް މިންވަރެއް ނުހޯދައި އަދަބަށް ލުއިދިނުމަށް އިއުތިރާފު އެއްބަސްވުން ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން" މުއިއްޒު ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ހިޔާނާތުގެ ފައިސާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި މަޖިލީހުގެ މެންބަރުންނާއި ރައީސްކަން ކުރެއްވި ބައެއް ބޭފުޅުންނަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމުގެ އެންމެ އަޑީގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައި ވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެން ނޫން ކަމަށާއި އެކަން އޭނާ ކުރީ ހެޔޮ ނިޔަތުގައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.