ގދ. ހޯނޑެއްދޫން ކޮވިޑް ޖެހުނު 45 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ރަނގަޅުވެއްޖެ އެވެ.

ހޯނޑެއްދޫ ހެލްތު ސެންޓަރުން އާންމު ކުރި ގޮތުގައި މިހާތަނަށް އެރަށުން ޖުމުލަ 462 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އޭގެ ތެރެއިން 45 މީހުން ޕޮޒިޓިވްވި އިރު ނެގެޓިވްވެފައިވަނީ 343 މީހުނެވެ.

މީގެ އިތުރުން 74 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ހޯނޑެއްދޫ ހެލްތު ސެންޓަރުން ބުނެއެވެ. ޕޮޒިޓިވް ވި 45 މީހުންގެ ތެރެއިން 44 މީހުން މިހާރު ބަލިން ރަނގަޅު ވެފައިވާ ކަމަށް ހޯނޑެއްދޫ ހެލްތު ސެންޓަރުން ބުނެއެވެ.

މިހާރު ހޯނޑެއްދޫގައި ކަރަންޓީނުގައި ހުރީ އެންމެ ގެއެއް ކަމަށް ވެސް ހޯނޑެއްދޫ ހެލްތު ސެންޓަރުން ބުނެއެވެ.

މި ތަފާސް ހިސާބުތަކަކީ އިއްޔެ އާއި ހަމައަށް ލިބިފައިވާ ނަތީޖާތަކަށް ބަލާފައި އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކެއް ކަމަށް ހޯނޑެއްދޫ ހެލްތު ސެންޓަރުން ބުނެއެވެ.

ހޯނޑެއްދޫން ކޮވިޑަށް ބަޔަކު ފުރަތަަމަ ޕޮޒިޓިވް ވީ މިދިޔަ މަހު ދެވަނަ ދުވަހުއެވެ. އެއީ މާލެއިން އެރަށަށް ގޮސް އެއް ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި އެއް އާއިލާއެއްގެ ހަތަރު މެންބަރުންނެވެ. އެމީހުން ޕޮޒިޓިވް ވުމާއެކު އެރަށުން ނެގި ސާވޭލަންސް ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލް ވަނީ މިދިޔަ މަހު ހަތަރެއްގައި ޕޮޒިޓިވް ވެފައެވެ. އެއާއެކު ހޯނޑެއްދޫއާއި އެރަށާއި ކޯޒްވޭއަކުން ގުޅިފައިވާ މަޑަވެލި މޮނީޓަރިންގެ ހާލަތަށް ލާފައި ވެއެވެ. އަދި ހޯނޑެއްދޫއަށް ބަލި ފެތުރުނު ގޮތް ދެނެގަތުމަށް އެޗްޕީއޭ އާއި ކަމާ ގުޅޭ އެހެން އިދާރާތަކުން މަސައްކަތް ފެށިއެވެ.