ލުއިޒް ސުއަރޭޒްއާއެކު އެއް ޓީމަކަށް ކުޅެން ބޭނުންނަމަ، އެތުލެޓިކޯ މެޑްރިޑުން ލިއޮނަލް މެސީއަށް މަރުހަބާ ކިޔާނެ ކަމަށް ކްލަބުގެ ރައީސް އެންރިކޭ ސެރޭޒޯ ބުނެފިއެވެ.

ބާސާގެ ރައީސްއާ މައްސަލަ ޖެހި، މިސީޒަންގެ ކުރިން މެސީ ވަނީ ބާސާ ދޫކޮށް ދިއުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ކްލަބުގެ ކޮންޓްރެކްޓް އުވާލައިދިނުމަށް މެސީ ރަސްމީކޮށް އެދިފައިވެސް ވާއިރު، ބާސާގެ ރައީސް ވަނީ މެސީގެ ކޮންޓްރެކްޓް އުވާލަ ނުދޭނެ ކަމަށް ބުނެ، ލަލީގާ މެދުވެރިކޮށްވެސް ގާނޫނީ ފިއްތުންތައް ކުރިމަތި ކުރުވައިފައެވެ. އެހެންނަމަވެސް، މެސީ މީޑިއާއަށް ބުނެފައިވަނީ މިސީޒަނަކީ އޭނާ ބާސާ ޖާޒީގައި ކުޅޭނެ ފަހު ސީޒަން ކަމަށާއި ބާސާގެ ރައީސް ޖޯސެފް ބާޓެމިއޫއަކީ ދޮގު ހަދައި، އޮޅުވާލާ މީހެއް ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ މެސީ ބާސާ ދޫކޮށްލަން ބޭނުންވި އެއް ސަބަބަކީ ސުއަރޭޒްވެސް ކްލަބުން ފޮނުވައިލުމެވެ. ދަނޑުމަތީގެ އިތުރުން ދަނޑު ބޭރުގައިވެސް މެސީއާއި ޝުއަރޭޒް ގާތް އެކުވެރިންގެ ގޮތުގައި ފެނިގެން ގޮސްފައިވާ އިރު، ހަ އަހަރަށްފަހު ބާސާއިން ސުއަރޭޒް "އެއްލައިލި" ކަމަށް ބުނެ މެސީ ވަނީ ބާސާ ރައީސްއާ ދެކޮޅަށް ވާހަކަދައްކައިފައެވެ. ސުއަރޭޒް އެތުލެޓިކޯއަށް ދިއިމަށްވެސް ބާސާގެ ރައީސް ފުރަތަމަ އިންކާރުކުރި އިރު، މެސީ ބުނެފައިވަނީ ބާސާއިން ސުއަރޭޒްއަށް ކަންތައް ކުރީ ގަދަރު ކުޑަވާނެ ގޮތަަށް ކަމަށެވެ.

މިސީޒަންގައި ސުއަރޭޒް އެތުލެޓިކޯއަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ދެ ގޯލް ޖަހައި، އެސިސްޓެއް ވެސް ހަދާފައިވާ އިރު، އެތުލެޓިކޯގެ ރައީސް ބުނެފައިވަނީ ސުއަރޭޒްއާއެކު ކުޅުމަށް މެސީ އެތުލެޓިކޯއަށް ދާން ބޭނުން ނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.

"މެސީއަށް ބުނެލަން އޮތް ވާހަކައަކީ ސުއަރޭޒްއާއެކު ކުޅެން ބޭނުންވާނަމަ އެކަން ނިންމަންވީ. ހަޔާތުގައި ބޭނުންވާ ކަންކަން ކުރަންވާނެ. އެތުލެޓިކޯއިން މެސީއަށް މަރުހަބާ ކިޔާނެ،" ސެރޭޒޯ ބުނެފައިވެއެވެ.

ސެރޭޒޯ އިތުރަށް ބުނެފައިވަނީ ބާސާގެ ރައީސްއަކީ އެކުވެރިއެއް ކަމަށާއި ކްލަބެއްގެ ރައީސަކަށް ރަނގަޅުވެސް މީހެއް ކަމަށެވެ. އެހެންކަމުން ސުއަރޭޒްގެ ޓްރާންސްފާ ކަންތައްވެސް ގޮސްފައިވަނީ ވަރަށް ރަނގަޅަށް ކަމަށް ސެރޭޒޯ ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދާފައިވާ މެސީ ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ކްލަބުތަކަކީ ޕީއެސްޖީއާއި މެންޗެސްޓާ ސިޓީ ފަދަ މުއްސަނދި ކްލަބުތަކެވެ. މެސީގެ މުސާރަ ބޮޑުކަމުން ގިނަ ކްލުބަތަކަށް މެސީ ގެންދިއުން ވެގެންދާނީ އުނދަގޫ ކަމަކަށެވެ.