ސްކްރީން ކުރުމަށްފަހު ފަތުރުވެރިންނަށް ބަލި ނެތް އެއް ރިސޯޓުން އަނެއް ރިސޯޓަށް ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ޓޫރިޒަމާ ގުޅޭ ގައިޑްލައިނުގައި ބުނެފިއެވެ.
އެ ގައިޑްލައިނުގައިވާ ގޮތުން ބަލި އޮތް ރިސޯޓަކަށް ފަތުރުވެރިންނަކަށް ނުދެވޭނެއެވެ. އަދި އެއްވެސް ކަމަކާ ގުޅިގެން އެޗްޕީއޭއިން ފިޔަވަޅު އަޅާފައިވާ ރިސޯޓަކަށް އިތުރު ފަތުރުވެރިންނަށްވެސް ނުދެވޭނެއެވެ.
ގައިޑްލައިންގައި ބުނީ، ބަލި ނެތް އެއް ރިސޯޓުން ބަލި ނެތް އެހެން ރިސޯޓަކަށްދާ ނަމަވެސް ފަތުރުވެރިން ސްކްރީން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ސްކްރީނިންގައި ބަލީގެ އަލާމާތްތައް ފެންނަ ފަތުރުވެރިންނަށް އެހެން ރިސޯޓަކަށް ނުދެވޭނެ ކަމަށާއި އެ ފަތުރުވެރިން ކަރަންޓީންވާން ޖެހޭނެއެވެ. ސްކްރީން ކުރަނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ގައިޑްލައިނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ގައިޑްލައިންގައި ބުނީ، އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރާއިރު ފަތުރުވެރިންނާއި ކުރޫއިންގެ އިތުރުން ރިސޯޓުގެ މުވައްޒަފުން ތިބެން ޖެހޭނީ މާސްކް އަޅައިގެން އަދި އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ.
ކޮވިޑް 19އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖެއަށް އެތެރެވެވޭނީ ކޮވިޑްގެ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކުގައެވެ. އަދި ރާއްޖެއިން ފުރާއިރުވެސް ކޮވިޑަށް ޓެސްޓު ކުރާނެއެވެ.
ރާއްޖޭގެ ރިސޯޓުތައް ޖުލައި 15ގައި ހުޅުވާލައިފައިވާ އިރު، ބޯޑަރުތައް ހުޅުވާލިފަހުން މިހާތަނަށް 17،000 އެއްހާ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި އަންނަ މަހުގެ 15ގައި ގެސްޓްހައުސްތައް ހުޅުވާލުމަށް ވަނީ ނިންމައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު