ކޮވިޑު 19އިން ރަނގަޅުވެފައިވާ ފަތުރުވެރިން ބަލިޖެހިފައި ހުރި މީހަކާ ދިމާވިޔަސް ރާއްޖެ އައުމުގެ ކުރިން ކަރަންޓީންވާން ނުޖެހޭނެ ކަމަށް ކޮވިޑް 19އިން ރައްކާތެރިވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި އަމަލު ކުރަން ޖެހޭ ގައިޑްލައިންގައި ބުނެފިއެވެ.

އެ ގައިޑްލައިންގައިވަނީ ރާއްޖެ އަންނަ ފަތުރުވެރިން އަމަލު ކުރަން ޖެހޭ އުސޫލުތަކުގެ ތެރެއިން ކޮވިޑް 19 ޖެހުމަށް ފަހު ރަނގަޅުވިތާ ތިން މަސް ދުވަސް ނުވާ ފަތުރުވެރިން އިސްތިސްނާވާ ބައެއް ހާލަތްތައް ބަޔާންކޮށްފައެވެ.

އެގޮތުން ބަލިން ރަނގަޅުވެފައިވާ ފަތުރުވެރިން ޕޮޒިޓިވް މީހަކާ ބައްދަލުވި ނަމަވެސް ކޮވިޑްގެ އަލާމާތެއް ނެތްނަމަ ޕީސީއާރު ޓެސްޓު ހަދައި ކަރަންޓީންވާން ނުޖެހޭނެ ކަމަށާއި ބަލިޖެހިފައި ހުރި މީހަކާ ދިމާވިޔަސް ރާއްޖެ އައުމުގެ ކުރިން ކަރަންޓީންވާން ނުޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.

މީގެ އިތުރުން އުސޫލުގައި ބުނީ ބަލި ޖެހުމަށްފަހު ރަނގަޅުވެފައިވާ ފަތުރުވެރިން ރާއްޖެއިން ފުރާއިރު ހަދާ ޓެސްޓުގެ ނަތީޖާއިން ޕޮޒިޓިވްވި ނަމަވެސް އެމީހެއްގެ ފަރާތުން އަލާމާތެއް ނުފެންނަ ނަމަ ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ. ބައެއް ފަހަރު ކޮވިޑުން ރަނގަޅުވުމަށްފަހުވެސް ފަހުން ހަދާ ޓެސްޓުތަކުން ކޮވިޑަށް ޕޮޒިޓިވް ކަމަށް ދައްކައެވެ. އެގޮތައް ދައްކަނީ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ކޮވިޑުގެ ޑެޑް ސެލް ހުންނާތީއެވެ.

ހޯދުންތަކުން އެނގެން އޮތް ގޮތުގައި ކޮވިޑުގެ އިމިޔުނިޓީ ހުންނަނީ ތިން މަސް ދުވަހަށެވެ. އަދި ވަރަށް މަދު ހާލަތެއްގައި ދެވަނަ ފަހަރަށްވެސް ކޮވިޑް ޖެހިފައި އެބަހުއްޓެވެ.

ކޮވިޑު 19އިން ރަނގަޅުވެފައިވާ ފަތުރުވެރިންނަށްވެސް ރާއްޖެ އާދެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއާއެކުގައެވެ. އަދި އެމީހުންގެ ފަރާތުން އަލާމާތެއް ފެނިއްޖެނަމަ ކަރަންޓީނުވެސް ކުރާނެއެވެ.