ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޖަޕާނުން ފޯރުކޮށްދޭ ފަސް ބިލިއަން ޖަޕަނީޒް ޔެން (732.4 މިލިއަން ދިވެހި ރުފިޔާ)ގެ ކޮންސެޝަނަލް ލޯން އެހީ އާއި ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖެ އާއި ޖަޕާނާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެގައުމުގެ މެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ސޮއިކުރެވޭ ލިޔުމެވެ. މި ލޯނާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. މި ލޯނަކީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ތާރީހުގައި އެގަައުމުން ފޯރުކޮށްދޭ އެންމެ ބޮޑު ލޯން އެހީ އެވެ.

ފޮރިން މިނިސްޓްރީން ބުނާ ގޮތުން، މި ލޯނަކީ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 15 އަހަރުން ދައްކާ ގޮތަށް، 0.01 އިންސައްތަ އިންޓްރެސްޓް ރޭޓުގައި ޖަޕާނުން ދޭ ލޯން އެހީ އެކެވެ. އަދި މި ލޯން އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިވަގުތު ކޮވިޑާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ޖަޕާނުން މެދުނުކެނޑި ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކޮވިޑާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައިވެ އެވެ.