އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ފެންމަތިވަމުން އަންނަ އެކި ގޮންޖެހުންތަކާއި ނުރައްކާތަކާ ދެކޮޅަށް، ސަރަޙައްދީ ފެންވަރުގައި ވަރުގަދަ އަޑެއް އުފުލައި ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރުންގެ 25 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި އިގުތިސޯދީ މައިނާރު ގުޅިފައިވަނީ އަމާން އަދި ރައްކާތެރި ކަނޑުފަޅުތަކެއްގެ މައްޗަށް ކަމަށްވާތީ، އިންޑިއާ ކަނޑުގެ ހަމަޖެހުމަކީ ރާއްޖެއަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި އައިއޯރާއަކީ މި ޒަމާނުގެ ގޮންޖެހުންތަކަށް އަމަލީ ހައްލުތަކެއް ހޯދައިދޭ ޕްލެޓްފޯމަކަށް ވާންޖެހޭނެ ކަމަށާއި އެ ޖަމިއްޔާއިން އެ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އިރުތިޝާމް ތައުރީފު ކުރެއްވިއެވެ.

އައިއޯރާގެ މެންބަރު 23 ގައުމާއި، ޑައިލޮގް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ 12 ގައުމެއްގެ ވަޒީރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، އެ ޖަމިއްޔާގެ ޗާޓަރުގެ އަމާޒުތަކާއި އުސޫލުތައް ނެގެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ގައުމުތަކުން ވަނީ އަލުން ކަށަވަރުކޮށްދީފައެވެ.

މިއީ މިނިސްޓަރު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އައިއޯރާގެ މިފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމްގެ އަރިހުގައި އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު އާއިޝަތު އަޒީމާ އަދި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގެ ހަވާސާގައި، މިނިސްޓަރު އިރުތިޝާމް ވަނީ މެންބަރު ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށާއި ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 1997 ވަނަ އަހަރު އުފެއްދި އައިއޯރާގެ 22 ވަނަ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބައިވެރިވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.