ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ހުންނަ މަދަނީ އަދި އިގުތިސާދީ ތަންތަނަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ހޫތީންގެ އެންމެ ފަހުގެ ހަމަލާތަކުގައި ރިޔާދުގެ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް ގެއްލުންތައް ލިބިފައިވެއެވެ. ސައުދީގެ އެއާޕޯޓުތަކާއި އެކި ތަންތަނަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން މީގެ ކުރިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސައޫދީއަށް ތަކުރާރުކޮށް ދެމުންގެންދާ މި ހަމަލާތަކަކީ އެ ގައުމުގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް ފާޅުގައި އަރައިގަތުމެއް ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ސީދާ ހިލާފު އަމަލެއް ކަމުގައިވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާކުރާ އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ބޮޑު ގެއްލުމެއް ކުރިމަތިކުރުވާ މިފަދަ އުދުވާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.

ސައޫދީ ސަރުކާރާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނާއެކު ރާއްޖެ ފުރިހަމައަށް ސާބިތުވެ އޮތްކަމުގެ ޔަގީންކަން މި ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ. ސައޫދީ އަރަބިއްޔާގެ ސިޔާދަތާއި ސަލާމަތް ހިމާޔަތްކުރުމަށާއި ދެ ހަރަމްފުޅު ރައްކާތެރިކުރުމަށް އެ ގައުމުން އަޅާ ހުރިހާ ފިޔަވަޅުތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ހޫތީ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު، މީސްމީޑިއާ މެދުވެރިކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި މައްކާއަށް އެއްވެސް ނުރައްކަލެއް ނެތެވެ. ހޫތީންގެ އަސްކަރީ ހަރަކާތްތައް އަމާޒުކުރަނީ ސައޫދީގެ އަސްކަރީ މަރުކަޒުތަކަށާއި ތެޔޮ އުފައްދާ ކާރުހާނާތަކަށް އެކަނި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ދެފަރާތުގެ ދެމެދުގައި ހަމަލާތައް ވަރުގަދަވެފައިވަނީ ސައޫދީ ކޯލިޝަނުން ޔަމަނުގެ ހުދައިދާ ބަނދަރަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. މިއާއެކު ސައޫދީގެ އެކި ސަރަހައްދުތަކަށް ހޫތީން ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ.