ރާއްޖެއިން ޗެކް ރިޕަބްލިކް އަށް ކަނޑައަޅުއްވާ ފުރަތަމަ ނޮން-ރެޒިޑަންޓް ސަފީރު އާމިނަތު އަބްދުﷲ ދީދީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޗެކް ރިޕަބްލިކްގެ ރައީސް ޕެތްރެ ޕަވެލް އަށް މިއަދު ހެނދުނު އަރުވައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ހުންނަ ޕްރާގް ކާސަލްގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސްގެ އަރިހަށް ކުރެއްވެވި އިހްތިރާމްގެ ޒިޔާރަތުގައި، ސަފީރު އާމިނަތު އަބްދުﷲ ދީދީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޗެކް ރިޕަބްލިކްގެ ރައީސްއަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަލިއަޅުވާލައްވައި ފަތުރުވެރިކަމާއި ވިޔަފާރި އާއި އިންވެސްޓްމަންޓް، އޭވިއޭޝަން އަދި ޒުވާނުންނަން ހާއްސަކޮށް ފަންނީ ތަމްރީން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޗެކް ރިޕަބްލިކްގެ ރައީސް ވަނީ ސަފީރު އާމިނަތު އަބްދުﷲ ދީދީ އަށް މަރުހަބާ ވިދާޅުވެ ދިވެހިރާއްޖެ އާއި ޗެކް ރިޕަބްލިކްއާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގައި ޗެކް ރިޕަބްލިކްގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ

މީގެ ކުރިން ސަފީރު އާމިނަތު އަބްދުﷲ ދީދީ ވަނީ އިންޑިއާގެ ޓްރިވެންޑަރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް ގެ މަގާމު 2019 އިން 2023 އަދާކުރައްވައިފައެވެ.