ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޕޮއިންޓް ލިބި، ގިނަ އިނާޔަތްތަކެއް ލިބޭ މައިލްސް ޕްރޮގްރާމެއް ރާއްޖެއިން ތައާރަފުކޮށްފިއެވެ.

"މޯލްޑިވްސް ބޯޑަ މައިލްސް" ޕްރޮގްރާމް ތައާރަފުކޮށްދެއްވީ އެކަމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރު ޑރ. އަބްދުﷲ މައުސޫމްއެވެ.

މޯލްޑިވްސް ބޯޑާ މައިލްސްއަކީ މޯލްޑިވްސް އިމިގްރޭޝަނުން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ތައާރަފު ކުރި ޕްރޮގްރާމެކެވެ. މިއީ މިގޮތަށް ދުނިޔޭގައި ވެސް ތައާރަފު ކުރި ފުރަތަމަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް ޕޮއިންޓް ލިބޭ ގޮތަށެވެ. މި ޕްރޮގްރާމުގައި ހާއްސަ މުނާސަބަތުތަކަށް ރާއްޖެ އަންނަ ފަތުރުވެރިންނަށް ޕޮއިންޓް އިތުރުވެއެވެ.

މި ޕްރޮގްރާމުގައި ތިން ޕެކޭޖެއް ތައާރަފުކޮށްފައިވާ އިރު، ބްރޯޒް ޕެކޭޖުގެ ނަމަކީ "އައިދަ" އެވެ. އަދި ސިލްވާ ޕެކޭޖުގެ ނަމަކީ "އަންތަރަ" އެވެ. ގޯލްޑް ޕެކޭޖުގެ ނަމަކީ "އަބާރަނަ" އެވެ.

"މޯލްޑިވްސް ބޯޑާ މައިލްސް" ތައާރަފުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ބޯޑާ މައިލްސް ޕްރޮގްރާމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ ރާއްޖެ އިސްތިހާރުކުރުމުގެ އިތުރުން އެއް ފަހަރަށްވުރެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖެއާ މެދު ޝައުގުވެރިކަން އިތުރުވެގެންދާނެ ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މޯލްޑިވްސް ބޯޑާ މައިލްސްގެ ސަބަބުން އެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ތޮއްޔިބު ވިދާޅުވީ، ރާއްޖޭގައި ގެސްޓްހައުސްގެ ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި ނަމަވެސް ހިތްހަމަޖެހޭ މިންވަރާ ގާތަަށްވެސް އަދި އެ މަސައްކަތް ނުކުރެވޭ ކަމަށެވެ.

"ރާއްޖޭގައި ގެސްޓްހައުސްގެ ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ހިތްހަމަޖެހޭ މިންވަރާ ގާތަށްވެސް އަދިއެއް މަސައްކަތެއް ނުކުރެވޭ. އެހެންނަމަވެސް އަޅުގަނޑުމެން މި އިންޑަސްޓްރީގައި ހުރި ހުރިހާ ޕްރޮޑަކްޓެއް އިސްތިހާރު ކުރާ ފަދައިން އެކަމަކީ އިތުރަށް އިސްތިހާރު ކުރަން ޖެހޭ ކަމެއް،" ތޮއްޔިބު ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައުމަށްފަހު، ފަތުރުވެރިކަން އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 16،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. ޓޫރިޒަމްގެ މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުމެވެ.