ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ ކުރަނީ ދާރުލް ޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ކުރީގެ އިސްލާމިކް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ބުނާ މައްސަލަތަކެއްގަ އެވެ. އެ މައްސަލައިގައި ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ހުށަހެޅީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެ ކުންފުންޏަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި، އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެހެންކަމުން އެ މައްސަލައިގައި ޒިޔާދުގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލަށްލުމެވެ.

އޭގެ އިތުރުން ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓުގައި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެހެންކަމުން އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.

ޕީޖީ އޮފީހުން އިތުރަށް ވަނީ އެ މައްސަލައިގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައި ނުވާ މައުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ އެކަން ވެފައިވާ ގޮތް އިތުރަށް ތަހުގީގުކޮށް އެކަމުގެ ޖިނާއީ ޒިންމާ އުފުލަން ޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާ މެދު ގޮތެއް ނިންމުމަށް ފުލުހަށް ހުށަހެޅުމަށް އޭސީސީއަށް ލަފާ ދީފަ އެވެ.

އޭގެ އިތުރުން އެ މުއާމަލާތާ ގުޅިގެން އެ މުއާމަލާތުގެ އެކި މަރުހަލާތަކުގައި ހިމެނޭ ޑަބްލިއު އެންޑް އޭ އޯވަސީސް ޕީޓީއީ އާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ އެ މައްސަލައިގައި ހިމެނޭ އެބައި ވެސް ފުލުހަށް ހުށަހެޅުމަށް އޭސީސީއަށް ޕީޖީން ވަނީ ލަފާދީފަ އެވެ.