ކާފިއު ގަޑީގައި ބޭރުގައި އުޅުނު 2195 މީހަކަށް އަދި މާސްކު ނާޅައި އުޅުނު 1798 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މިފަހަކަށް އައިސް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ބޭރުގައި އުޅޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން މާސްކް ނާޅައި އުޅުނު 1798 މީހެއް މިހާތަނަށް ޖޫރިމަނާކޮށްފައިވާ އިރު، މަނާ ގަޑީގައި ބޭރުގައި އުޅުނު 2195 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މިހާތަނަށް އައިރު މާސްކު ނާޅައިގެން ނަސޭހަތް ދެވިފައިވޭ 3677 މީހަކަށް އަދި މާސްކް ނާޅައިގެން ފައިން ކުރެވިފައިވޭ 1798 މީހަކަށް. ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ނަސޭހަތް ދެވިފައިވޭ 4633 މީހަކަށް. ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ފައިން ކުރެވިފައިވޭ 2195 މީހަކަށް. މީގެ އިތުރުން ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ނަސޭހަތް ދެވިފައިވޭ 4321 މީހަކަށް އަދި ޖޫރިމަނާ ކުރެވިފައިވޭ 781 މީހަކު." ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވަނީ މަނާ ގަޑިތަކުގައި ބޭރުގައި އުޅުމުގެ ހުއްދަ އޮންނަ ފަރާތްތަކުންވެސް އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭނުން ނާޖާއިޒު ގޮތުގައި ނުހިފުމަށް އިލްތިމާސްކުރައްވައިފައެވެ.
ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ، ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.
އެ ވަގުތުތަކުގައި ބޭރުގައި އުޅުމަށް ހުއްދަ ދީފައިވަނީ ވަކި ބަޔަކަށެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އާއި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފާސް ލިބިފައިވާ މީހުން ހިމެނެއެވެ. އަދި ފަތިސް ނަމާދަށް މިސްކިތަށް ދާ މީހުންނާއި އިމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތަކަށް ވެސް މަނާ ވަގުތު ބޭރުގައި އުޅެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.