މިއަދުގެ އަލިރަސްގެފާނު އޮތީ ހިލިހިލާ ޖަހައި މާފުށީ ޖަލުގައި ކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދުގެ އަލިރަސްގެފާނުގެ ގޮތުގައި އަދުރޭ ސިފަކުރެއްވީ، މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް އައީ ރާއްޖޭގެ މިނިވަންކަން ވިއްކާލުމަށް އިންޑިއާއާ އެއްބަސްވުން ހެދުމަށް ފަހުގައި ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތް ބާނަމުންދާކަން ފާހަގަކުރައްވައި، އަދުރޭ ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ވަހުދަތު ރައްކާތެރިކުރުމަށް ދިވެހި ސިފައިން ނުކުންނަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމާ ކުޅެން އުޅުނު ކޮންމެ ފަހަރަކު ދިވެހި ދަރީން އިސްވެ ނުކުމެ، މިނިވަންކަން ރައްކާތެރިކުރިކަން ފާހަގަކުރައްވައި އަދުރޭ ވަނީ އަލިރަސްގެފާނު ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް ކުރެއްވި މަތިވެރި ޖިހާދަށް އަލިއަޅުވާލައްވައިފައެވެ.
"މީގެ އެތައް ސަތޭކަ އަހަރެއް ކުރިން، ހިޖުރައިން 900ގެ އަހަރުތަކުގައި، ފަތިހަށް ދޮންކޮށްލިއިރުގައި ބޮޑުކޮޅިން ވަދެގެން އައި ގުރާބުތަކެއް. މީރު ބަކުރު ތަކުރު އޭގެ ހަބަރު ބަލައިލުމަށް ދިއުމަށްފަހު ގޮވާލީ ކަނޑިބަޑިންނޭ. ބާރުލާފައި ގޮސް އޭރު ތަހުތުގައި އިންނެވި އެބޭފުޅަކަށްޓަކައި ދިވެހި ގައުމު ފަހުރުވެރިވާ އަލިރަސްގެފާނު އަރިހުގައި ދެންނެވީމާ ވަގުތުން ނުކުމެވަޑައިގަތީ ހަނގުރާމައަށް. އަނބިކަނބަލުންނާއި ހުންނެވި ހަމައެކަނި ދަރިކަނބަލުން ރޮއެ އާދޭސް ކުރައްވަނިކޮށް ނުކުމެވަޑައިގެންނެވީ. ވިދާޅުވީ، ތިމަންނައަށް އެންމެ މުހިންމީ ގައުމާއި ދީނޭ. އޭގެ އެތައް ސަތޭކަ އަހަރެއްގެ ފަހުން މިއަދު އަޅުގަނޑުމެންނާ އެ ބައްދަލުކުރީ ހަމަ އެދުވަސް. މިއަދު ގުރާބު ވަނީ ދެކަނޑޮއޮޅިއަކުން ނޫން. މިއަދު ގުރާބު ވަދެގެން އައީ ވަގާރު ކޮޅުން. ވަދެގެން އައިސް ކުޅުދުއްފުށީ ބަނދަރަށް މި ބަދަރު ކުރީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ އިންޑިއާއިން ރާއްޖެއަށް އައި ކާގޯ ފެރީގައި ހަތިޔާރު ހުރި ކަމަށް ތުހުމަތުކުރައްވައިފައެވެ. އެގޮތުން އޭނާ ވަނީ އެ ބޯޓުގެ ފަލަކާގެ ދަށުގައިވާ ތަކެތި ދިވެހި މީޑިއާތަކަށް ދައްކާލުމަށް ގޮވާލައްވައިފައެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަތްގަދަކުރަން އުޅޭ ކަމަށެވެ. އެގޮތުން އެކި ނަންނަމުގައި އިންޑިއާ ސިފައިން ރާއްޖެ އަންނަމުންދާ ކަމަށާއި އެކަން ހުއްޓުވަން އަލިރަސްގެފާނު ކުރެއްވި ފަދަ ޖިހާދެއް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ މި ޖީލުގެ އަލިރަސްގެފާނު ކަމަށާއި އެމަނިކުފާނު މިނިވަންކޮށް ހުންނެވިނަމަ އަލިރަސްގެފާނު ނުކުންނެވި ގޮތަށް ގައުމު ސަލާމަތް ކުރަން ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.
"މިއަދު އަލިރަސްގެފާނެއް ނެތީމަ އަޅުގަނޑުމެން އެކަމާ ހިތާމަކުރަނީ. މިއަދުގެ އަލިރަސްގެފާނު އޮތީ ހަތަރެސްފައިގައި ހިލިހިލާ ޖަހައިފައި. އެއީ އަޅުގަނޑު ދަންނަވަން ބޭނުން އެއްޗަކީ. މާފުށީ ޖަލުގައި. އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ ރައީސް އަބްދުﷲ ޔާމީން ސަލާމަތުން ސިޔާސީ މައިދާނުގައި ހުންނެވިނަމަ އަލިރަސްގެފާނު އެ ނުކުމެވަޑައިގެންނެވި ފަދައިން ނުކުމެވަޑައިގެންނަވާނެކަން،" އަދުރޭ ވިދާޅުވިއެވެ.
ސަރުކާރާއި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ސޯލިހު މިއަދު ހުރީ އިންޑިއާގެ ބީޖޭޕީ ސަރުކާރުގެ ކޮންމެ އެންގުމަކަށް ތަބާވުމަށް ތައްޔާރަށް ކަމަށެވެ.
އަދުރޭ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ، މޯދީ ދެކެ ބިރު ނުގަންނަ ކަމަށާއި މޯދީގެ ފައިބުޑަށް ދުވަހަކުވެސް ނުވެއްޓޭނެ ކަމަށެވެ.
އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާތީ އިދިކޮޅުން އިސްވެ ހުރެ އަންނަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ. އަދި ގައުމުގެ މިނިވަންކަން ދިފާއު ކުރުމުގެ ނަމުގައި އިދިކޮޅުން އަންނަނީ ސިލްސިލާ އެއްވުންތައްވެސް ބާއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު