ރިޕޯޓް

ފުރާވަރު ކުދީން އަބަދު އިންޓަނެޓުގައި، ކުއްޖާއަށް ވެދާނެގޮތަކަށް ބެލެނިވެރިން ވިސްނަނީ ކިހާ ވަރަކަށް؟

އީމާ މުހައްމަދު ވަހީދު

ޒަމާން މިވަނީ ބަދަލުވެފައެވެ. ފުރާވަރަށް އަޅާ ކުދިންނާއި ކުޑަކުދިން ފޫހިފިލުވުމަށް ޓަކައި އަވަށްޓެރި ކުދިންނާ އެކު ކުޅިވަރުތައް ކުޅުނު ދުވަސް މިއަދު މިވަނީ މާޒީއާއި އެކުވެގެން ގޮސްފައެވެ. މިއަދަކީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑު އިންގިލާބެއް ގެނެސްދީފައިވާ ދުވަސްވަރެކެވެ. މިއަދު އެންމެ ތުއްތު ކުއްޖާ އަތުގައިވެސް އަތަށް ނުތަކާ ވަރުގެ ޓެބްލެޓެއް އޮންނާނެއެވެ. ސުކޫލު ނުނިމެނީސް ސްމާޓް ފޯނެއް ލިބޭނެއެވެ. ފަހަރުގައި މައިންބަފައިން ދަރިންނަށް އެފަދަ ވަސީލަތްތައް ހޯދައިދެނީ ކިޔެވުމަށް ފަސޭހަ ކޮށްދޭން ކަމަށްވެސް ވެދާނެއެވެ. ނުވަތަ ދަރިފުޅު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ދަރިފުޅު އުފާކޮށްދޭން ކަމަށްވެސް ވެދާނެއެވެ. މިޒަމާނުގައި ސްމާޓު ފޯނާއި ޓެބެލެޓް ފަދަ ތަކެއްޗަކީ ކުދިންގެ ކިޔެވުމަށް ވެސް ވަރަށް މުހިންމު އެއްޗެކެވެ. ހާއްސަކޮށް ކޮވިޑް 19 އާއި ގުޅިގެން ކިޔަވައިދިނުމުގެ ބޮޑު ބައެއް އޮންލައިންކޮށް ކުރިއަށް ގެންދާ މިދުވަސްވަރުގައި ދަރިންނަށް އެފަދަ ވަސީލަތްތައް ދިނުން މިއޮއީ މަޖުބޫރުވެސް ވެފައެވެ.

ދަރިންނަށް މޯބައިލް ފޯނު ފަދަ ތަކެތި ދިނުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ފުރާވަރަށް އަޅާ ކުދިންނަށް މޯބައިލް ފޯނު ފަދަ ތަކެތި ބޭނުން ކުރެވެން ޖެހޭނީ މައިންބަފައިންގެ ނުވަތަ ބޮޑު މީހެއްގެ ބެލުމުގެ ދަށުންނެވެ. ސާދަ ފަނަރަ ސޯޅަ އަހަރުގެ ކުޑަކުދިން މީސްމީޑިއާގެ އެކި މަންސަތަކަށް ވަދެ އެ އެއްޗެހި ބޭނުން ކުރުމަކީ އެހާ ބޮޑު ކަމަކަށް ބައެއް މީހުންނަށް ނުވެދާނެއެވެ. އެހެންނަމަވެސް ހަގީގަތުގައި އެއީ މާބޮޑު ސަމާލުކަމެއް ނުދެވި ދޫކޮށްލެވިފައިވާ ވަރަށް ހައްސާސް މައްސަލައެކެވެ. ކުދިންނަށް އޮންލައިން ކްލާސްތަކަށް ވަނުމަށާއި ގޭމް ކުޅެ ހަދަން މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ސާމާނު ދޭންވީއެވެ. އެހެންނަމަވެސް ބެލެނިވެރިންގެ ބެލުމުގެ ދަށުންނެވެ. ދަރިންނަށް ބޭނުން ގޮތަކަށް މޯބައިލް ފޯނު ފަދަ ތަކެތި ބޭނުން ކުރުމުގެ މިނިވަންކަން ދީފިނަމަ އެކުދިން ނުބައި މަގެއް ހިޔާރުކޮށް އެކަމުގެ ނޭދެވޭ އަސަރު ކުއްޖާގެ އުޅުމަށް ކޮށްފާނެއެވެ.

ފުރާވަރަށް އަޅާ ކުދިންނަށް ކޮންމެ ދުވަހަކުވެސް އާކަންކަން ދަސްވާނެއެވެ. ކޮންމެ ދުވަހަކު އާ ތަޖުރިބާތަކެއް ކުރަން އެކުދިން ބޭނުންވާނެއެވެ. ފަސޭހައިން މީހުންގެ ވާހަކަތަކަށް ހެއްލޭނެއެވެ. އެކުދިންނަށް މޯބައިލް ފޯނު ބޭނުން ކުރަން ދިނުމުން ފޭސްބުކާއި ޓެލެގްރާމު އަދި ސްނެޕްޗެޓް ފަދަ މީސްމީޑިއާގެ މަންސަތަކުގައި އެކައުންޓްތައް ހުޅުވައިގެން އެ ބޭނުން ކުރަން ފަށާނެއެވެ. އެގޮތަށް މީސްމީޑިއާ ބޭނުން ކުރާއިރު އެކި ކަހަލަ މީހުންނާއި ދިމާވާނެއެވެ. އޭގެތެރެއިން ބައެއް މީހުންނަކީ ރަނގަޅު މީހުންނަށް ވިޔަސް އަނެއްބައި މީހުންނަކީ ގޯސް މަގުސަދުތަކުގައި އެކުދިންނާ އެކުވެރިކަން އާލާކުރާ މީހުންނެވެ. އެފަދަ މީހުންގެ އަވައިގައި ޖެހި ބައެއް ފަހަރު ކުދިން އެކުދިންގެ އުމުރާ ނުގުޅޭ ކަންކަން ކުރުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. ފޭސްބުކް ފަދަ ތަންތަނުން ދިމާވާ މީހުންނާ ލޯބީގެ ގޮތުން ގުޅިގެން ކުއްޖާގެ ޅައުމުރުގައި ކުރަން ނުޖެހޭ އެތައް ކަމެއް ކުރެވެއެވެ. އެފަދަ މީހުންގެ ބަހަށް ހެއްލިގެން އޮރިޔާން ފޮޓޯ ފޮނުވުމާއި ވީޑިއޯކޯލު މެދުވެރިކޮށް އުމުރާ ނުގުޅޭ އަމަލުތައް ކުރުންވެސް ހިމެނެއެވެ. އެހެންކަމުން މިފަދަ ކަމެއް މެދުވެރި ވިޔަ ނުދިނުމަށްޓަކައި ކުއްޖާގެ ފޯނު ބަރާބަރަށް ބަލައި އެކުއްޖާ ވާހަކަދައްކަނީ ކޮންކަހަލަ މީހުންނަކާތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން މިޒަމާނަކީ ބަރަހަނާ ވީޑިއޯއާއި ފޮޓޯ ފެންނަ ސައިޓްތަކަށް ވެސް ވަރަށް ފަސޭހައިން ވަދެވޭ ޒަމާނެކެވެ. ކުއްޖާގެ ޅައުމުރުގައި އެފަދަ ސައިޓްތަކަށް ވަދެ އުމުރާ ނުގުޅޭ ވީޑިއޯތައް ބެލުމަކީ އެކަމުން ކުއްޖާގެ އަހުލާގަށާއި ވިސްނުމަށްވެސް ވަރަށް ބޮޑަށް ނުރަނގަޅު އަސަރުކުރާނެ ކަމެކެވެ. ޅަކުދިންނަށް އެފަދަ ވީޑިއޯތަކާއި މަންޒަރުތައް ފެނުމަކީ އެއުމުރުގައި ބަދުއަހުލާގި އަމަލުތައް ހިންގަން ވެސް ކުއްޖާ ޝައުގުވެރި ވެ އެފަދަ އަމަލުތައް ހިންގުމަށް ބާރު ލިބި ހިތްވަރު ލިބޭ ކަމެކެވެ. އެހެންކަމުން ދަރިފުޅު ޔޫޓިއުބުން ބަލަނީ ކޮން ކަހަލަ ވީޑިއޯއަކާއި މަންޒަރުތަކެއްތޯ ބެލުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

ދަރިންނަށް އިތުބާރުވެސް ކުރަން ޖެހޭނެއެވެ. އެހެންނަމަވެސް އޭގެ މާނައަކީ ކުއްޖާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމެއް ނޫނެވެ. ބައެއް ހާލަތްތަކުގައި ދަރިފުޅުގެ އުޅުމަށް މައިންބަފައިން ފާރަވެރިވާން ޖެހޭނެއެވެ. އެއީ ހަމަ ކުއްޖާއަށް ރަނގަޅަކަށެވެ. ޅައުމުރުގެ އަދި ފުރާ އުމުރުގެ އެތައް ކުދީންނެއްގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ވަނީ މީސްމީޑިއާގެ އެކި މަންސަތަކަށް ލީކު ވެފައެވެ.

އެފަދަ ހާދިސާތައް ހިނގާ ފަހުން ދުވަސްކޮޅަކުން މީހުން އެކަން ހަނދާން ނެތުނު ނަމަވެސް ހަގީގަތުގައި އެއީ ވަރަށް ސީރިއަސް މައްސަލައެކެވެ. މީހުން ކުއްޖާއާއި ދޭތެރޭ ދެކޭ ނަޒަރިއްޔާވެސް އެފަދަ ކަންކަން ވުމުން މުޅިން ބަދަލު ވާނެއެވެ. އެހެންކަމުން އެފަދަ ބޮޑު ލަދެއްގައި ކުއްޖާ ބެދުމުގެ ކުރިން އެކުއްޖާ އެކަމުން ސަލާމަތް ކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. ކަން ފަސޭހަ ކޮށްލަން ދަރިންނަށް މޯބައިލް ފޯނު ފަދަ ތަކެތި ދީފައި އަަޅައިނުލައި ނުތިބޭށެވެ! ފަހަރުގައި އޭރުން ފަހުން އެކަމުގެ ހިތާމަކުރާން ޖެހިދާނެއެވެ. އެހެންކަމުން ދަރިންނަށް މޯބައިލް ފޯނު ފަދަ ތަކެތި ދޭއިރު މައިންބަފައިން ވަރަށް ބޮޑަށް ސަމާލުވާން ވާނެއެވެ. ކަންކަން ވާނީ އިންޒާރަކާ ނުލައެވެ. އެހެންކަމުން އަޅުގަނޑުމެން ތިބެން ވާނީ ސަމާލުވެގެންނެވެ.