"އަހަންނަކީ ދުވަހަކު ވެސް އެކަނި އުޅުނު މީހެއް ނޫން. ނުލާހިކު ގިނައިން ބޭރަށް ގޮސް އުޅެން. ކޮވިޑާއެކު ވަކިން ތަނެއްގައި ބަންދުވުމަކީ ރަނގަޅު ކާ އެއްޗެހި ލިބިގެން ޖަލެއްގައި ހުރުން ކަހަލަ ކަމެއް. މުޅި މީހާ ޑިޕްރެޝަނަށް ދިޔަ،"
މިއީ ކޮވިޑުގެ ތަޖުރިބާ ކުރި ޒުވާން ދިވެހި އަންހެން ކުއްޖަކު އޭނާގެ ތަޖުރިބާ ބަންޑުން ކޮށްލި ގޮތެވެ. ނަމަވެސް އުމުރުން 25 ވަރަކަށް އަހަރުގެ މި ޒުވާނާގެ ވާހަކަ ތަފާތެވެ. އާންމުކޮށް ކަރަންޓީނުގައި ހޭދަވާ މުއްދަތަކީ 14 ވަރަކަށް ދުވަސް ކަމުގައިވިޔަސް އޭނާ ވަނީ ތިން ފެސިލިޓީއެއްގައި އެ އެކަހެރިކަން ތިން މަސް ދުވަހު ތަޖުރިބާ ކޮށްފަ އެވެ. އެ މުއްދަތުގައި އޭނާގެ ގައިން 13 ފަހަރު ސާމްޕަލް ނެގި އެވެ.
އެއާޕޯޓްގައި ވަޒީފާ އަދާކުރާ އެ ޒުވާނާ ކިޔައިދިން ގޮތުގައި އޭނާ ފުރަތަމަ ކަރަންޓީނަށް ދިޔައީ އޮފީހުގައި އުޅޭ ކުއްޖެއްގެ ކްލޯސް ކޮންޓެކްޓަކަށް ވެގެންނެވެ. އޭރު އެއީ މާލެއިން ކޭސްތައް ފެނި މީހުން ކަރަންޓީނުކުރަން ފެށިތާ ކުރީކޮޅެވެ. ކަރަންޓީނުގައި ފުރަތަމަ ބަހައްޓާފައި ހުރީ ހުޅުލޭ އައިލެންޑް ހޮޓަލުގަ އެވެ. ފަހުން ދ. ވިލުރީފަށް ބަދަލުކުރި އެވެ. ނަމަވެސް ދުވަހަކު ވެސް އެކަނި އުޅެން ދަސްވެފައި ނުވާތީ އޭނާއަށް އެ ދުވަސްތައް ގިނަވި އެވެ. ކަރަންޓީނުގައި ހުންނަން ޖެހުނު ކޮޓަރި ވީ ޖަލަަކަށެވެ. ބިރުގަނެ، ދެރަ ވެ، މަރުވަނީއޭ ވެސް ހިތަށް އެރި އެވެ.
"ހިތަށް އެރީ ޒަމާން މިދިޔައީއޭ. އެކަނި ހުންނަންވީމަ. ހަމަ ދިއުން ފަދަ ކަމެއް އެއީ. މިކްސްޑް ފީލިންތަކެއް އައީ. ދެރަވޭ. ވަރަށް މީރު ކާއެއްޗެހި ލިބޭ. އެކަމަކު އެއްގޮތަކަށްވެސް ކާހިތެއް ނުވޭ. ވަރަށް ބިރުގަނެފަ ހުންނަނީ. ދެން ކުރާނެ ކަމެއް ނެތިގެން ހަމަ ނިދީ،" ހުޅުމާލޭގައި އާއިލާއާއެކު ދިރިއުޅެމުން އަންނަ އެ ޒުވާނާ "ވަން" އަށް ކިޔައިދިނެވެ.
ކަރަންޓީނުގެ ފަހު ކޮޅު ދިމާވީ ރޯދަ މަހުގެ ކުރީކޮޅަށެވެ. އެހެންކަމުން އިތުރަށް އާއިލާ މަތިން ހަނދާންވެ، ވިސްނައި ފިކުރު ކުރެވުނެވެ. ނަމަވެސް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލް ނެގެޓިވް ވެ، 18 ދުވަހަށްފަހު ގެއަށް ދެވުނެވެ. އެއީ އޭނާއަށް އުފާވެރި ވަގުތުކޮޅެއް ނަމަވެސް އުންމީދަކަށްވީ ކަރަންޓީނުގެ ހިތި ތަޖުރިބާ ދެން ކުރަން ނުޖެހުމެވެ.
ފުރަތަމަ ކަރަންޓީނަށްފަހު ގެއަށް ދޫކޮށްލިތާ މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވް ވި މީހެއްގެ ގާތް ކޮންޓެކްޓަކަށް ވެ ކަރަންޓީން ވާން ޖެހުނެވެ. ނަސީބު ކަން ދިމާކުރި ގޮތުން އެ ފަހަރު ކަރަންޓީނުކުރީ ގޭގަ އެވެ. އެއީ އެތައް ގޮތަކުން އޭނާއަށް ހިތްހަމަޖެހުން ލިބުނު ކަމެކެވެ. އާއިލާގެ އެހީތެރިކަން ވެސް ލިބުމުންނެވެ. އެކަނި އުޅެން ނުޖެހުމުންނެވެ. ނަމަވެސް އޭރު ވެސް އޭނާއަށް ނަފްސާނީ ގޮތުން އުދަނގޫތަކެއް ވި އެވެ. ހުންނަނީ ބިރުގަނެފަ އެވެ. ކާހިތެއް އޭރުވެސް ނުވެ އެވެ.
ދުވަސްތައް އެހެން މިހެން ގޮސް ކަރަންޓީނުން ދޫކޮށްލުމަށް އެޗްޕީއޭ އިން ސާމްޕަލް ނަގަން ދިޔައެވެ. ބައެއް ސާމްޕަލްތައް އިންކޮންކުލޫސިވް ވުމުން އެއް ސާމްޕަލަށްވުރެ ގިނަ ސާމްޕަލް ވެސް ނެގި އެވެ. ނަތީޖާ ކަށަވަރުކުރަން އެންޓި ބޮޑީ ޓެސްޓެއް ވެސް ހެދި އެވެ. ނަތީޖާ ލިބުނީ ތިން ވަރަކަށް ދުވަސް ފަހުންނެވެ. ލިބުނުއިރު ކޮވިޑަށް ޕޮޒިޓިވް އެވެ.
"ޕޮޒިޓިވް ވީމަ ހިތަށް އެރީ މުޅި އަހަރު ދުވަހު ކަރަންޓީނުގައޭ މި އުޅެނީ. އެންމެ ފަހުން ޕޮޒިޓިވް ވެސް ވީއޭ މި. ދެން އަނެއްކާވެސް އެކަނި ހުންނަންވީމަ އުނދަގޫ. ގެންދާ ތަން ހުންނާނީ ކިހިނެއްބާއޭ ވެސް ހިތަށް އެރި. އެކަމަކު ޕޮޒިޓިވްވެގެން ގެންދަން އައި އިރު މެންޓަލީ ހުރީ އޯކޭ ވެފަ،" ޕޮޒިޓިވް ވުމުން ކުރެވުނު ތަޖުރިބާ އެ ޒުވާނާ ހިއްސާކުރި އެވެ.
އޭނާ ބުނި ގޮތުންނަމަ ދެވަނަ ފަހަރަށް ކަރަންޓީނަށް ގެންދިޔައީ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނުތާ 10 ދުވަސް ފަހުންނެވެ. އެފަހަރު ގެންދިޔައީ ފަން އައިލެންޑަށެވެ. ނަމަވެސް އެކަމުގައި އޭނާގެ ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުއްޓެވެ. އެޗްޕީއޭ އިން ޖަވާބުދާރީވުން ލަސްވުމެވެ. އެގޮތުން ކަރަންޓީނަށް ގެންދަންދެން ގޭގައި ބެހެއްޓި ދުވަސްކޮޅު ރޯގާ ޖެހި، ބަލިވުމުންވެސް އެޗްޕީއޭ އިން އެކަމަށް އެޓެންޑުވީ ތިން ދުވަސް ފަހުން ކަމަށް އެ ޒުވާނާ ބުންޏެވެ.
މީހަކާ ނީނދެ ހުރި އެ ޒުވާނާ ބުނި ގޮތުގައި، ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާއަށް އެތައް އުދަނގުލެއް ކުރިމަތިވި އެވެ. ކާއެއްޗެހީގައި ރަހަ ނުލުމާއި ވަސް ނުދުވުމާއި ނޭވާ ހާސްވުން އަދި ހޮނޑުލުން ވެސް ތަޖުރިބާ ކުރެވުނެވެ. އެތައް ފަހަރަކު ނޭފަތުން ސާމްޕަލް ނެގުމުން ނޭފަތާއި ކަރުން ލޭ އައިސް، އެތެރެ ފާރުވެސް ވި އެވެ.
އެކަމުގެ ސަބަބުން އޭނާ ބަލިން ރަނގަޅު ވެ، ކަރަންޓީނުން ދޫކޮށްލީ ވެސް 14 ދުވަހަށްވުރެ ގިނަ ދުވަސް ވީ ފަހުންނެވެ. އަދި ކުރާނެ ކަމެއް ނެތި އަބަދު އޮންނަން ޖެހުމުން ބައެއް ފަހަރު ހިނގަން އުދަނގޫވާ ކަމަށް ވެސް ބުންޏެވެ.
އޭނާ ބުނީ، ދެވަނަ ފަހަރަށް އެކަހެރި ތަނެއްގައި ހުންނަން ޖެހުމުން މީހާގެ ނަފްސު ހުރީ އެކަމަށް ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ލިބިފައި އޮތް ހުސް ވަގުތުގެ ބޭނުން ކުރީ ފޮތް ކިޔުމާއި ކުލަ ޖެއްސުމާއި ފިލްމު ބެލުމާއި ސޯޝަލް މީޑިއާގަ އެވެ. ނަމަވެސް ކަރަންޓީނުގައި ކުރެވުނު އެންމެ މުހިންމު އެއް ތަޖުރިބާއަކީ ކެތްތެރިވުން ކަމަށް އޭނާ ބުނެއެވެ. އެކަނި އުޅެން ދަސްވުމެވެ. ދީނީ ކަންކަމަށް އިސްކަން ދެވުމެވެ.
"ކަރަންޓީނުގައި ހުރުމަކީ ބައެއް މީހުން ބުނެފާނެ ވަރަށް ފަސޭހަ ކަމެކޭ. ޗުއްޓީއެކޭ. ނޫން. އަސްލު އެއީ މީހާ ޑިޕްރެޝަނަށް ގޮސް ސްޓްރެސްވާ ކަމެއް. ކަރަންޓީނަށް ދިއުމަށްވުރެ ބަސް އަހައިގެން ގޭގައި ތިއްބަސް މާރަނގަޅު އަސްލު،" ވަންއަށް އިންޓަވިއު ދިން ޒުވާނާ ބުންޏެވެ.