ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސް، އެ ދެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުޅުދުއްފުށިން މާލެއަށް ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެ ދެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ހެދުމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަތީލް ހަސަން "ވަން" އަށް ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ އެރަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކައްޕި ކަމަށެވެ. އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު ބޭރަށް ނުނިކުތުމަށާއި މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހު ވެސް ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނައެވެ. އެފަހަރު ކުޅުއްދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނައީ އެރަށު ހޮސްޕިޓަލުން މާލެ ގެނައި ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނައީ ހއ. އިހަވަންދޫން ޕޮޒިޓިވްވި މީހަކާ ގުޅިގެންނެވެ.