ކޮވިޑުގެ ހާލަތު އަދިވެސް ގްރީން ޒޯނަށް ނުދާ ކަމަށާއި ހުރިހާ ލުޔެއް ދިނުން ރައްކާތެރި ނޫން ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވީ މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ބަލީގެ ޓްރެޖެކްޓްރީ ދައްކާ ގޮތުން ބަލި ޖެހޭ މީހުންގެ އަދަދު ހުރީ ދަށްވާ ގޮތަށް ކަމަށެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް ދަށްވާ އަވަސްމިން ލަސްވެއްޖެ ކަމަށް ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ، އަދިވެސް ކޮވިޑުގެ ގްރީން ޒޯނަށް ނުދާ ކަމަށާއި އެހެންކަމުން ހުރިހާ ލުޔެއް ދިނުން ރައްކާތެރި ނޫން ކަމަށެވެ. ލުއިތައް ދީފިނަމަ އަލުން ބަލި ފެތުރިގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ވަރަށް މުހިންމު އަދިވެސް ދެތިން ހަފުތާ މެޝާސްއާ އެއްކޮށް، ސަސްޓެއިންކޮށް ގްރީން ޒޯނުގައި ބަހައްޓަން މަސައްކަތް ކުރުން. އެއީ ބަލީގެ އިންކިއުބޭޝަން ޕީރިއަޑް އަޅުގަނޑުމެން ގްރީން ޒޯނުގައި ބަހައްޓައިގެން މެނޭޖުކޮށްލެވިއްޖެއްޔާ އެ ފެތުރޭ މިންވަރު ދަށްވެގެންދާނެ. އެހެންވީމާ އަދި ސޭފްއެއް ނޫނޭ ހުރިހާ ރެސްޓްރިކްޓިވް މެޝާސް ނަގާކަށެއް،" ޑރ. ޝީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޝީނާ ވިދާޅުވީ ފިޔަވަޅުތައް އެޅި ނަމަވެސް، ކޮވިޑުގެ ވެކްސިނެއް ލިބެންދެން ބަލީގެ ނުރައްކާ އޮންނާނެ ކަމަށެވެ. އަދި ވެކްސިނެއް ނުލިބެނީސް ކުރިން އުޅުނު ދިރިއުޅުމަށް އަނބުރާ ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، ޑރ. ޝިނާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ދެތިން ހަފުތާ ވަންދެން ފުރިހަމައަށް އަމަލުކޮށްފިނަމަ އިތުރު ލުއިތައް ދެވިގެންދާނެ ކަމަށެވެ.
ޑރ. ޝީނާ މޫސާ
ޑރ. ޝީނާ މޫސާ
ޑރ. ޝީނާ މޫސާ