ކުއްލި ޚަބަރު

ހޯނޑެއްދޫން އިތުރު ދެމީހަކު ބަލިން ރަނގަޅުވެ، ރަނގަޅުވީ މީހުންގެ އަދަދު 32 އަށް

އަލީ ޔާމިން

ގދ. ހޯނޑެއްދޫން އިތުރު ދެމީހަކު ބަލިން ރަނގަޅުވެ، ރަނގަޅުވީ މީހުންގެ އަދަދު 32 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޯނޑެއްދޫން މިހާތަނަށް 45 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން 32 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

"މިހާތަނަށް 45 މީހުން ވަނީ އެރަށުން ޕޮޒިޓިވްވެފައި. އޭގެ ތެރެއިން 32 މީހުން ވަނީ ބަލިން ރަނގަޅުވެފައި. މިވަގުތު އެރަށުގައި އެކްޓިވް 13 ކޭސް އެބަތިބި." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެންމެ ފަހުން ހޯނޑެއްދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އިއްޔެ ކަމަށާއި އެމީހާއަކީ އެރަށުން މީގެ ކުރިން ބަލި ޖެހުނު މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަވެ، ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހޯނޑެއްދޫން 230 ކޮންޓެކްޓުން ދެނެގަނެވި ކަރަންޓީން ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރި 11 މީހެއްގެ ސާމްޕަލް މިއަދު ނެގިފައިވާ ކަމަށެވެ. ނަމަވެސް އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން މިިވަގުތު މޮނީޓަރިންގައި އޮތީވެސް ހޯނޑެއްދޫ އެކަންޏެވެ.

ހޯނޑެއްދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އޭގެ ފަހުން އެރަށުގެ އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި އޭގެ ފަހުން އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން އަންނަނީ ހޯނޑެއްދޫގައި ކޮވިޑް ފެތުރުނު ގޮތް ދެނެގަތުމަށް ހާއްސަ ތަހުގީގެއް ކުރިއަށްގެންދަމުންނެވެ. މިހާތަނަށް އައިއިރު އެރަށަށް ބަލި ފެތުރުނީ ސީދާ ކޮން ގޮތަކުން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެރަށުން ޕޮޒިޓިވްވާ އެންމެންނަކީވެސް އެކަކު އަނެކަކާ ގުޅުން އޮންނަ މީހުންނެވެ. އެހެންކަމުން އެރަށުގައި އޮތީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.