ކުޅިވަރު

ޗެލްސީން މެންޑީގެ ސޮއި ހޯދައިފި، ކެޕާ ބެންޗަށް؟

މުޙައްމަދު ޝަމްޢޫން

ރެނެސްގެ ސެނެގާލް ގޯލްކީޕަރު އެޑުއާޑޯ މެންޑީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ސޮއިކޮށްފިއެވެ.

ގޯލްކީޕަރު މެންޑީ ސޮއިކުރިކަން ޗެލްސީގެ ކޯޗު ފްރޭންކް ލެމްޕާޑު ވަނީ ޕްރެސްގައި ޔަގީން ކޮށްދީފައެވެ. ލެމްޕާޑު ބުނެފައި ވަނީ މެންޑީގެ ސޮއި ޗެލްސީން ހޯދާފައިވާ ކަމަށާއި، މިވަގުތު ކުރިއަށްދަނީ މެޑިކަލް ނިންމުމުގެ މަސައްކަތް ކަމަށެވެ. މެޑިކަލް ނިމުނުހާ އަވަހަށް ކްލަބުން މެންޑީ އިއުލާން ކުރާނެ ކަމަށްވެސް ލެމްޕާޑް ބުނެފައިވެއެވެ.

އުމުރުން 28 އަހަރުގެ މެންޑީ، ޗެލްސީގެ ފުރަތަމަ 11ގެ ޖާގައެއް ހޯދަން ވާދަކުރަން ޖެހޭނީ ސްޕެއިންގެ ގޯލްކީޕަރު ކެޕީ އަރީޒާބަލާގާއާއެވެ. މިދިޔަ ސީޒަނުން ފެށިގެން ކެޕާގެ ކުޅުމާމެދު ސަޕޯޓަރުން ވަނީ ބޮޑެތި ސުވާލުތަކެއް އުފައްދާފައެވެ. ހާއްސަކޮށް ކެޕާއަކީ 71 މިލިއަން ޕައުންޑަށް ޗެލްސީއަށް ގެންދިޔަ ކީޕަރަކަށްވުމާއެކު އޭނާއަށް އޮންނަ ޕްރެޝަރު ބޮޑެވެ.

މިދިޔަ ސީޒަންގެ ލީގުގައި ކެޕާ ފެނިގެން ދިޔައީ މުޅި ލީގުގައިވެސް އެންމެ މަދު އިންސައްތައަކަށް ސޭވްތައް ކުރި އެއް ކީޕަރުގެ ގޮތުގައެވެ. ހަމަ އެހެންމެ، މި ސީޒަންގެ ލީގުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗާއި، މިދިޔަ ހަފްތާގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ކެޕާގެ ފަރާތުން ވަނީ ބޮޑެތި ގޯސްތަކެއް ފެނިފައެވެ.

މިދިޔަ ހަފްތާ މެޗަށްފަހު ލެމްޕާޑު ބުނީ ކެޕާއަށް ހެދުނީ ގޯހެއް ނަމަވެސް، އޭނާއަށް އެކަން ރަނގަޅުކުރަން ހިތްވަރު ދޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ އެއްވެސް ކުޅުންތެރިޔަކަށް ފުރަތަމަ 11 ޔަގީން ނުވާނެ ކަމަށާއި، މެންޑީއަކީ ވާދަވެރިކަން އިތުރުކުރުމަށް ކްލަބަށް ގެނައި ގޯލްކީޕަރެއް ކަމަށެވެ.

މިދިޔަ ސީޒަންގެ ފަހުކޮޅުގައި ޗެލްސީން ކުޅުނު މުހިއްމު ގިނަ މެޗުތަކެއްގައި އެޓީމުގެ ގޯލް ބެލެހެއްޓީ އާޖެންޓީނާގެ ގޯލްކީޕަރު ވިލީ ކަބަޔޭރޯއެވެ. ކަބަޔޭރޯއަކީ އުމުރުން 38 އަހަރުން ގޯލްކީޕަރަކަށްވާއިރު، އޭނާގެ ބޭނުންވެސް ކެޕާއަށްވުރެ ބޮޑަށް ޗެލްސީން ހިފިތަން ސީޒަންގެ ފަހުކޮޅުގައި ފެނިގެން ދިޔައެވެ.

ޗެލްސީއާ އަލަށް ގުޅުނު މެންޑީ ވަނީ މިދިޔަ ސީޒަންގައި ލީގު ވަންގެ ރެނެސްއަށް 25 މެޗު ކުޅެދީފައެވެ. އޭގެ ތެރެއިން ނުވަ މެޗުގައި ކްލީންޝީޓް ދެމެހެއްޓިއިރު، މިދިޔަ ސީޒަންގައި ކެޕާ ކުޅުނު 33 މެޗުން އޭނާއަށް ދެމެހެއްޓުނީ އެންމެ އަށް ކްލީން ޝީޓެވެ. މެންޑީއާ ކުރިމަތިވި ހަމަލާތަކުން އޭނާ ވަނީ 76.3 އިންސައްތަ ހަމަލާ މަތަކޮށްފައެވެ. ކެޕާއަށް ސަލާމަތްކުރެވުނީ 53.5 ޕަސެންޓް ހަމަލާއެވެ.