ގދ. މަޑަވެލި އާންމު ހާލަތަށް ގެނެސްފިއެވެ.

ގދ. މަޑަވެލި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެރަށް މޮނީޓަރިންއަށް ގެނެސްފައިވަނީ އެރަށާ ކޯޒްވޭއަކުން ގުޅިފައިވާ ހޯނޑެއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކުގައެވެ.

ހޯނޑެއްދޫން މިހާތަނަށް 44 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. ނަމަވެސް އެރަށާ ގުޅިފައިވާ މަޑަވެލިން މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މަޑަވެލި މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށާއި މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ހޯނޑެއްދޫ އެކަނި ކަމަށެވެ.

"މިވަގުތު މޮނީޓަރިންގައި އޮތީ ގދ. ހޯނޑެއްދޫ. މިރޭ މިވަނީ ގދ. މަޑަވެލި މޮނީޓަރިންއިން ރިލީސް ކުރެވިފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އިއްޔެ މަޑަވެލިން 51 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އަދި މަޑަވެލި އާންމު ހާލަތަށް ގެނެސްފައިވަނީ އެ ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށްފަހު މިރޭގެ ވަގުތެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

ހޯނޑެއްދުއަށް ބަލި ފެތުރު ގޮތުގެ ތަހުގީގެއް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އެޗްޕީއޭއިން މީގެ ކުރިން ބުނީ އެރަށުގައި އޮތީ ލޯކަލް ޓްރާންސްމިޝަންއެއް ކަމަށާއި ޕޮޒިޓިވްވާ މީހުން އެކަކު އަނެކަކާ ގުޅޭ ކަމަށެވެ.