ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތަކު އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް އޮންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިމިވަނީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން ކަނޑައެޅި 250 މިލިއަން ޑޮލަރު (3.85 ބިލިއަން ދިވެހި ރުފިޔާ)ގެ ލޯނު މިއަދު ދިވެހި ސަރުކާރާ ހަވާލުކުރުމާ ގުޅިގެންނެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ ލޯނު މިއަދު ދިވެހި ސަރުކާރާ ހަވާލުކުރުމާ ގުޅިގެން، ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވައި ޓުވީޓެއް ކުރައްވައިފައެވެ.

"ރާއްޖެއަށް ރަހުމަތްތެެރިއަކު ބޭނުންވާ ކޮންމެ ފަހަރަކު އިންޑިއާ އަބަދުވެސް އޮވޭ،" ރައީސް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ އިން މި ލޯނު ދީފައިވަނީ ކޮވިޑުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގުތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި ރައީސް ސޯލިހު އެދިވަޑައިގަތުމާ ގުޅިގެން ކަމަށެވެ. އަދި މިއީ ކޮވިޑުގެ ހާލަތު ދިމާވި ފަހުން ގައުމަކުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް ދިން 250 މިލިއަން ޑޮލަރުގެ މި ލޯނު ދީފައިވަނީ ދިހަ އަހަރު ދުވަހުގެ ތެރޭ ދައްކާ ހަލާސްކުރާ ގޮތަށެވެ. ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަނީ 3.5 ޕަސަންޓެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ވެސް އެގައުމުން ވަނީ ލައިން އޮފް ކްރެޑިޓްގެ ގޮތުގައި ރާއްޖެއަށް 800 މިލިއަން ޑޮލަރު ހަމަޖައްސައިދީފައެވެ. މި ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ހުށަހަޅާ މަޝްރޫއުތަކަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ދޫކުރާނެއެވެ. މި ލޯނުތަކަކީ ވެސް ފަސް އަހަރު ފަހުން ދައްކަން ފަށައި 15 އަހަރު ދުވަހުގެ ތެރޭގައި ހަލާސް ކުރަން ޖެހޭ ލޯނުތަކެކެވެ. މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.