މޫޑީސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ2' އިން 'ސީއޭއޭ1' އަށް މަތިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މޫޑީސް އިން މި ބަދަލު ގެނެސްފައިވަނީ ކުރުމުއްދަތުގައި ރާއްޖެ ޑީފޯލްޓްވުމުގެ ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާކަމަށް އެ އިދާރާއަށް ގަބޫލުކުރެވޭތީއެވެ.

މި އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި އަދާކުރުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން، މިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވާއިރު، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ވަނީ އަދާކޮށްފައެވެ. މީގެ އިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އިންވެސްޓުކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކަށް މެއި އަދި ސެޕްޓެމްބަރު މަހު ފައިސާ ދައްކައި ހަލާސްކޮށްފައިވެއެވެ. އަދި މިދިޔަ އޭޕްރީލް މަހު މެޗުއާވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ވަނީ ފަސްކޮށްފައެވެ.

ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާ އިތުރުވުމަކީ ވެސް ރޭޓިން މަތިވުމުގެ ސަބަބެއް ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރިއެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މެދުނުކެނޑި ލިބެމުންދާ އެއްބާރުލުމުގެ ދަށުން، މި އަހަރު ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރު، އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ ފައިނޭންސިން ސަރުކާރުން ވަނީ ހޯދައިފައެވެ.

މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީގެ ނިސްބަތުން) ދައުލަތުގެ ދަރަނި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 122.6 ޕަސެންޓަށް ދަށްވެފައެވެ. މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ހުރި މިންވަރަށްވުރެ ދަށް އަދަދެކެވެ. ނަމަވެސް، މެދު ރާސްތާގައި ދައްކަންހުރި ބޭރު ފައިސާގެ ދަރަނި ބޮޑުވުމާއި، ރިޒާވް އިތުރަށް ވަރުގަދަކުރަން ޖެހުމަކީ ކުރިމަތިވެދާނެ ގޮންޖެހުންތަކެއް ކަމަށް މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލި، އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެކަމަށް ބެލެވުނު ނަމަވެސް، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދަތިނުވާނެ ގޮތަށް އިގުތިސާދީ ހަރަކާތްތައް ބާރުވެރިކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. މެދު ރާސްތާގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ހިފަހައްޓައި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމާއެކު ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުން ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.