ހޯމް ކަރަންޓީނަށް ދާން ރަށު ކައުންސިލުން ހުއްދަ ދިނަސް، ރަށަށް ދެވޭނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ހުއްދަ ލިބިގެން ކަމަށް އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
މާލެއިން ރަށަކަށް ގޮސް ހޯމް ކަރަންޓީނުވާނަމަ ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް ކައުންސިލުގައި ރަޖިސްޓްރީވާން ޖެހެ އެވެ. އެގޮތުން ރަށަށް ގޮސް އޭނާ ހޯމް ކަރަންޓީނުގައި ހުންނަ ތަނަކީ އެޗްޕީއޭގެ އުސޫލަށް ފެތޭ ތަނެއްތޯ ބަލައި އެކަން ކައުންސިލުން ހޯމް ކަރަންޓީނަށްދާ މީހަކަށް އަންގާނެ އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އަދިވެސް ވަރަށް ގިނަ މީހުން އަތޮޅު ތެރެއަށް ހޯމް ކަރަންޓީނަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހޯމް ކަރަންޓީނުވުމަށް ކައުންސިލުން ހުއްދަ ލިބުމުން ބައެއް މީހުން ރަށަށް ދާން ޓިކެޓް ނަގައި، ދަތުރުކުރަން ވެސް އުޅޭ ކަމަށާއި ނަމަވެސް އެ ހުއްދައަކީ އަދި ރަށަށް ދާން ލިބޭ ހުއްދައެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެޗްޕީއޭ އިން ވެސް ކަންތައްތަކެއް ބަލާނެ. އެއްވެސް އޯޕެން އިންވެސްޓިގޭޝަނެއް އެފަރާތުގެ ހުރިތޯ، އެއްވެސް ކޮންޓެކްޓެއްތޯ ނުވަތަ ނޫންތޯ. މިކަހަލަ ކަންކަން އެޗްޕީއޭ އިން ބެލުމަށް ފަހުގައި އެކަހަލަ އެއްވެސް ކަމެއް ނެތް މީހަކަށް ހުއްދަ މި ދެވެނީ. އެޗްއީއޯސީގެ ފައިނަލް ހުއްދަ ލިބުމާއެކު އެފަރާތަކަށް ރަށަށް ދިއުމަށް ކަރަންޓީން ހުއްދަ ލިޔުން ހާލު ބެލުން ޕޯޓަލް އަށް އަޕްލޯޑް ކުރެވޭނެ. މިގޮތަށް އަޕްލޯޑް ވީމަ ލިޔުން ހިއްޕަވައިގެން ރަށަށް ވަޑައިގެންނެވޭނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެހެންކަމުން ހުރިހާ ކަމެއް ހަމަޖެހުމުން ނޫނީ ޓިކެޓް ނަގައި ރަށަށް ދިއުމުގެ އިންތިޒާމުތައް ހަމަނުޖެއްސުމަށް ޑރ. ނަޒްލާ އެދިވަޑައިގަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު