އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ބައެއް މުއައްސަސާތަކުން ބަލަންވާވަރަށް މައްސަލަތައް ބަަލަމުން ނުދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އެޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެނެވޭރު ހުޅަނގު ދާއިރާގެ މެންބަުރ ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން، ހަސަން ލަތީފު ވިދާޅުވީ، މި ސަރުކާރު މިގޮތަށް އޮވެ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގެ ތަންތަން އޮޑިޓް ކުރުމުން ފާހަގަ ކުރެވުނު ކަންތައް ތަހުގީގުކޮށް ބަލަން ޖެހޭ ކަމަށެވެ.

ހަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތް އިރުވެސް އެ ފަދަ މައްސަލަތައް އެފަދަ މުއައްސަސާތަކުން ބަލަންވާ ވަރަށް ބަލައި ތަހުގީގު ކުރަމުންދާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ކަންބޮޑުވާކަމެއް މި ސަރުކާރު އޮވެމެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮވެމެ، އޭސީސީ ކަހަލަ ބައެއް މުއައްސަސާތަކުން އެ ކުރަމުން ގެންދާ ކަންކަން ހަގީގަތުގައި ބަލަންވާވަަރަށް އަޅުގަނޑުމެންނަކަށް ނުފެނޭ،" ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ އެފަދަ ވަރަށްގިނަ ކަންކަން ހުންނަނީ އޭސީސީ ފަދަ މުއައްސަސާތަކުގައި ޕާކު ކޮށްފައި ކަމަށެވެ. ހާއްސަކޮށް އޭސީސީން އެކަންތައް ފާހަގަ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަމާބެހޭ ކޮމިޓީން ބާރު އަޅައިގެން އެ މައްސަލަތައް އަވަހަށް ނިންމައި ރައްޔިތުންގެ ފައިސާގައި ޖެހިފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.

މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަންކަން ކޮށް އެ ފަރާތްތަކަށް ފިޔަވަޅު އެޅެން ޖެހޭކަމަށްވެސް ހަސަން ވިދާޅުވިއެވެ.