ނ. މަނަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.

މަނަދޫ މޮނީޓަރިންއަށް ލާފައިވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ފިރިހެނެއް މިމަހުގެ 11 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެމީހާގެ ނަތީޖާ ލިބުނު އިރު އޭނާ ހުރީ ދޯންޏެއްގައި މަހަށް ނުކުމެއެވެ. އޭނާ ވަނީ ހުކުރު ނަމާދަށާއި އަދިވެސް ރަށުގެ ގިނަ ތަންތަނަށް ގޮސްފައެވެ.

މިމަހުގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މަނަދޫއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 26 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މަނަދޫ އިތުރަށް މޮނީޓަރިންގައި ބާއްވަން ނުފެންނާތީ އެރަށުގައި އިއުލާނުކޮށްފައިވާ މޮނީޓަރިންގެ ހާލަތު މިއަދުން ފެށިގެން އުވާލާ ކަމަށާއި މޮނީޓަރިންއާ ގުޅިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތަކަށްވެސް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ވެސް މަނަދޫ މޮނީޓަރިންގެ ހާލަތަށް ގެނައެވެ. އެއީ އެރަށުން ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ އަންހެނަކާ ކޮންޓެކްޓުވި ބަޔަކު ޕޮޒިޓިވް ވެގެންނެވެ.

މަނަދޫ އާންމު ހާލަތަށް ގެނެސްފައިވާ އިރު، މިހާރު މޮނީޓަރިންގައި އޮތީ ގދ. މަޑަވެލީގެ އިތުރުން ހޯނޑެއްދޫއެވެ.