އައްޑޫ ސިޓީ

އައްޑޫ ސިޓީ ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މަރިޔަމް ޝަހުދާ

އައްޑޫ ސިޓީ ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފް ސާދާތު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކާއި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި ދެމީހުންގެ ނަތީޖާވެސް ލިބިފައިވަނީ އިއްޔެ ކަމަށް ސާދާތު ވިދާޅުވިއެވެ.

އެގޮތުން ޕޮޒިޓިވްވެފައިވަނީ އައްޑޫ ސިޓީ ގަމުގައި ހޯމް ކަރަންޓީނުގައި ހުރި 42 އަހަރުގެ ދިވެހި ފިރިހެނަކާއި، ހުޅުދޫގައި ހޯމް ކަރަންޓީނުގައި ހުރި 38 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށް ސާދަތު މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން ޕޮޒިޓިވް ވި ދެ މީހުންގެ ކިބައިންވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ސާދަތު ވިދާޅުވިއެވެ. އަދި މިހާރު މި ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސާދަތު ވިދާޅުވިއެވެ.

އައްޑޫ ސިޓީން މިހާތަނަށް ޖުމުލަ 14 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އޭގެ ތެރެއިން 12 މީހަކު ރަނގަޅުވެފައިވާއިރު، އައްޑޫގައި މިވަގުތު ކޮވިޑުގެ އެކްޓިވް ދެ ކޭހެއް އުޅޭކަމަށް ސާދަތު ވިދާޅުވިއެވެ.