ވިޔަފާރިވެރިޔާ އަދި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ސޯލިހު (ޑިމްސް ސޯލިހު) ގެ އަމިއްލަ ހަރަދުގައި އޭނާގެ އުފަން ރަށް، އައްޑޫ ސިޓީ، ހުޅުދޫގައި ބިނާކުރި މިސްކިތް "މަސްޖިދު ޒުލައިހާ މުހައްމަދު" މިއަދު ހުޅުވައިފިއެވެ.

ހުޅުދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ސޯލިހުގެ އަމިއްލަ ގޯތީގައި މާތްﷲ އަށް ވަގުފުކޮށް މިސްކިތެއް ބިނާކުރެއްވުމަކީ އަދުގެ ޒުވާން ޖީލަށް އޮތް ނަމޫނާ ފިލާވަޅެއް ކަމަށެވެ.

އެއްފަހަރާ 200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ސޯލިހާއި އޭނާގެ އާއިލާގެ މީހުން ބައިވެރިވެވަޑައިގެންނެވިއެވެ. މުހައްމަދު ސޯލިހަކީ މީގެ 41 އަހަރު ކުރިން، 1983 ވަނަ އަހަރު ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގެން، ރާއްޖޭގެ އިގްތިސޯދީ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ "ޑިމްސް" ގެ ނަމުގައި އާންމު ވިޔަފާރި ފައްޓަވައި، ހާޑްވެއާ، ރިސޯޓް ސަޕްލައި، ޑިއުޓީ ފްރީ އަދި ފަރުނީޗަރުގެ ވިޔަފާރީގައި ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ. އޭގެ ފަހުން އޭނާ އުފެއްދެވި "ދަމާސް" ކުންފުންޏަކީ މިއަދު ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރި ބްރޭންޑެވެ.

ވިޔަފާރީގެ ދާއިރާއަށް ވަދެވަޑައިގަތުމުގެ ކުރިން ސޯލިހު ވަނީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެ ގައުމުގެ ރޯޔަލް އެއާފޯސްގައި 16 ވަރަކަށް އަހަރު ހިދުމަތް ކުރައްވާފައެވެ.

އޭނާ ކުރެއްވި ގައުމީ ހިދުމަތްތަކުގެ އަގުވަޒަންކޮށް، މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ވަނީ އޭނާއަށް "ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް" އަރުވާފައެވެ.