ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކުރި މެޑިކަލް ފެސިލިޓީއަށް 22 މިލިއަން ރުފިޔާގެ ތަކެތި ނުލިބެނީސް ލިބުނު ކަމަށް ރެކޯޑް ކޮށްފައިވާ ކަމަށް ކޮވިޑާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، ދައުލަތުގެ ހަރަދު ރެކޯޑް ކުރުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ތަކެތި ލިބުނު ކަމަށް ރެކޯޑްކުރާނީ އޯޑަރުކުރެވުނު ތަކެތި ލިބުމުން އެ ތަކެއްޗާ ހަވާލުވާ ފަރާތުން އޯޑަރުކުރި ފޯމުގައި ތަކެތި ހަމައަށް ހުރިތޯ ބަލައި، ސޮއިކުރުމަށްފަހު ކަމަށެެވެ.

ނަމަވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދުމަށް ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އަށް އޯޑަރުކޮށްފައިވާ 22،437.177 ރުފިޔާގެ ތަކެތި ނުލިބެނީސް އެތަކެތި ލިބުނު ކަމަށް ސިސްޓަމުގައި ރެކޯޑްކޮށްފައިވަނީ އެ ތަކެއްޗަށް އެޑްވާންސްކޮށް ފައިސާ ހޯދުމަށް އެސްޓީއޯއިން ފޮނުވާފައިވާ ސިޓީއަކީ އިންވޮއިސް ކަމަށް ބަލައި ސިސްޓަމްގައި އެގޮތަށް ރެކޯޑްކޮށްގެން ކަމަށް އޮޑިޓުގައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، ނޭޝަނަލް އިމަޖެންސީ މެޑިކަލް ސްޓޮކަށް ތަކެތި ހޯދުމަށް އެސްޓީއޯ އާއި ފިނޭންސް މިނިސްޓްރީ އަދި އެންޑީއެމްއޭއާ ދެމެދު 16 އޭޕްރީލް 2020ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެންޑީއެމްއޭ އިން ކޯޓޭޝަން އެޕްރޫވް ކުރުމުން އެ ކޯޓޭޝަންތަކުގެ ޖުމުލަ އަގު (%100) އެޑްވާންސްގެ ގޮތުގައި ދޭންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މި އެއްބަސްވުމުގެ ދަށުން އޯޑަރުކުރެވުނު ތަކެތި ސަޕްލައި ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފައި ނުވާ ކަމަށާއި އެސްޓީއޯއަށް ފޮނުވާފައިވާ ޕާޗޭސް އޯޑަރުތަކުގައިވެސް ތަކެތި ސަޕްލައިކުރަން ޖެހޭ ތާރީހު ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އެސްޓީއޯއިން ތަކެތި ޑެލިވާކުރިކަން އެނގޭނެ އެއްވެސް ލިޔުމެއް އޮޑިޓް ރިޕޯޓުގެ ތާރީހާ ހަމައަށް އޮޑިޓަރުންނަށް ލިބިފައި ނެތުމުން އެތަކެތީގެ ތެރެއިން ލިބިފައިވާ ތަކެއްޗާއި ނުލިބި ހުރި ތަކެތި ދެނެގަނެވިފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ އޯޑަރުކުރެވުނު ތަކެތި ލިބުމުން އެތަކެއްޗާ ހަވާލުވާ ފަރާތުން، އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، ސޮއިކުރުމަށްފަހުގައި މެނުވީ ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ތަކެތި ލިބުނު ކަމަށް ރެކޯޑް ނުކުރުމަށް އަންގައިފައެވެ.

މީގެ އިތުުރުން ތަކެތި ލިބުމުގެ ކުރިން އެތަކެތި ލިބުނު ކަމަށް ސިސްޓަމުގައި ރެކޯޑްކޮށްފައިވާ މުއާމަލާތްތަކުގެ އިންވޮއިސް އަދި ޑެލިވަރީ ނޯޓު ހޯދައި އެ މައުލޫމާތު ސިސްޓަމުގެ ރެކޯޑާ އަޅާކިޔައި، އެއްވެސް އެއްޗެއް އޯޑަރުކުރި އަދަދަށް ނުލިބިވާނަމަ އެތަކެއްޗަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ އަންގައިފައެވެ.