ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމު ކުރި މެޑިކަލް ފެސިލިޓީ ހަދާފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މިއަދު އާންމުކޮށްފައިވާ އިރު، އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކޮވިޑުގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ހުޅުމާލޭގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާޗު 2020 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ދެމެދު ވެފައިވާ "ހޭންޑް އޯވާ" އެއްބަސްވުމުގެ ދަށުން ހުޅުމާލޭއިން ޖުމްލަ 42،170 އަކަ ފޫޓުގެ ބިމާއި ބިމުގައިވާ އިމާރާތްތައް އެމްޑީއެމްއޭއާ ވަނީ ހަވާލުކޮށްފައެވެ.
ނަމަވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު މޮރިޝަސް ކޮމާޝަލް ބޭންކުން 4،315،153.75 ޑޮލަރަށް ރަހުނު ކޮށްފައިވާ ތަނެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެ ބިމުގައި މެޑިކަލް ފެސިލިޓީ ގާއިމުކުރަން ނިންމުމާ ގުޅިގެން އެޗްޑީސީއާއި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާ ދެމެދު 24 މާޗް 2020 ގައި ހޭންޑް އޯވާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި މިގޮތުން ހެދުނުު އެއްބަސްވުމުގައި އެތަނުގައި ހަދާފައި ހުރި ކޮންކްރީޓު ސްޓްރަކްޗާއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި އިތުރު އެހެން އެއްވެސް ބަދަލެއް ތަނަށް ގެނެސްފައިވާނަމަ އެ ބަދަލުތައް އެނގޭނެހެން ލިޔެކިޔުން ބަލަހައްޓަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ބުނީ، އެ އެއްބަސްވުމުގެ މުއްދަތަކީ ތިން މަސް ދުވަސް ކަމަށާއި އެ މުއްދަތު އިތުރުކުރަން ބޭނުންނަމަ ދެ ފަރާތުން އަލުން އެއްބަސްވުމަކާ ހަމައަށް އަންނަންޖެހޭނެ ކަމަށެވެ.
ކޮވިޑް 19ގެ ހާލަތު އިތުރަށް ދިގުލައިގެން ދާނަމަ އަމިއްލަ ފަރާތެއްގެ ބިމަކަށް ދައުލަތުން އިތުރު ހަރަދުކުރުން އެކަށީގެންވާތީ، ކަމާގުޅޭ ފަރާތްތަކުގެ ލަފާގެ މަތިން މުސްތަގުބަލުގައި، އެބިމާއި އިމާރާތްތައް ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި، ބިމާއި އިމާރާތުގެ މިލްކުވެރިކަމާ މެދު ގާނޫނީ ގޮތުން ނުކުމެދާނެ މައްސަލަތައް ހައްލުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އޮޑިޓް ރިޕޯޓުގައި ވަނީ އަންގައިފައެވެ.
އޮޑިޓުގައިވާ ގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ހުރި ބިމުގައި އެ ފެސިލިޓީ ގާއިމުކުރަން ނިންމީ ނެޝަނަލް ޓާސްކް ފޯހާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މަޝްވަރާކުރުމަށް ފަހުގައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު