ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާ ގުޅިގެން ދިފާއީ ވަކީލެއް ބޭނުންނުވާ ކަމަށާއި އުފުލާފައިވާ ދައުވާތައް ކުރިއަށްގެން ގޮސް އަވަހަށް ނިންމައި ދިނުމަށް، ހައިކޯޓުގައި އަދީބު އެދިވަޑައިގެންފި އެވެ.
އަދީބު އެގޮތަށް އެދިވަޑައިގެންފައިވާ ކަމަށް ހާމަކުރެއްވީ ހައިކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސްފަނޑިޔާރެވެ.
މިއަދުގެ އަޑުއެހުމަކީ، މީގެކުރިން ބޭއްވި އަޑު އެހުމުގައި، ވަކީލެއްގެ ފުރުސަތަށް 10 ދުވަސް ދެއްވުމަށް އަދީބު އެދި ވަޑައި ގަތުމުން ވަކީލަކު ހަމަޖެއްސުމަށް އަދީބަށް 10 ދުވަސް ދިނުމަށްފަހު ބޭއްވި އަޑުއެހުމެކެވެ.
މިއަދުގެ ޝަރީއަތް ފައްޓަވަމުން ފަނޑިޔާރު ވިދާޅުވީ، މިއީ ވަކީލަކު ހަމަޖެއްސުމަށް އަދީބަށް 10 ދުވަސް ދެއްވުމަށްފަހު ބާއްވާ އަޑުއެހުމެއް ކަމަށެވެ.
ނަމަވެސް ވަކީލުގެ ފުރުސަތު ބޭނުންނޫން ކަމަށާއި، ޝަރީއަތް ކުރިއަށްގެންގޮސް އަވަހަށް ނިންމައިވައިދެއްވުމަށް އަދީބު އެދިވަޑައިގެންފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން މިއަދުގެ އަޑު އެހުމުގައި ފަނޑިޔާރު ފުރަތަމަ ފުރުސަތު ދެއްވީ، މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފްސީލް ހުށަހެޅުއްވުމަށެވެ.
ދެއްވި ފުރުސަތުގައި، އިސްތިއުނާފީ ނުވަ ނުކުތާ އަކާއި، ކްރިމިނަލް ކޯޓުން، އަދީބުގެ މައްސަަލަތައް ބާތިލްކުރީ ގާނޫނުތަކާ ހިލާފަށް ކަމަށް ސާބިތު ކޮށްދިނުމަށް، ތަފްސީލުތައް ހުށަހެޅުއްވީ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ މަރިޔަމް ޝަހުމާ އެވެ.
ޝުހާމާ ވިދާޅުވީ، ދއުލަތުގެ ފަރާތުން އެދެނީ އެ މައްސަލަތައް އަލުން ބެލުމަށް ހައިކޯޓުން ދަށުކޯޓަށް ފޮނުވުމަށް ކަމަށެވެ. އެހެންކަމުން އެގޮތަށް މައްސަލަ ނިންމަވައިދެއްވުމަށް ފަނޑިޔާރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވިއެވެ.
މިއަދުގެ އަޑު އެހުމުގައި ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން އަދީބުވެސް އެދިވަޑައިގެންފައިވަނީ، ދައުލަތުން ހުށަހަޅާފައިވާގޮތަށް ނިންމައިވައި ދެއްވުމަށެވެ.
އަދީބު ވިދާޅުވީ އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު، ޝަރީއަތް ކުރިއަށްދިޔައީ އޮންލައިންކޮށް ކަމަށާއި އެއީ އޮންލައިންކޮށް ކުރިއަށްދިޔަ ޝަރީއަތެއްގައި ބައިވެރިވި ފުރަތަމަ ފަހަރުކަމުން، ކަންތައްތައް ރަނގަޅަށް އޮޅުން ނުފިލާ ކަމަށެވެ.
އެހެންކަމުން އެ ކޯޓުގައި އެކަމަށް ޖަވާބުދާރީވާނެ ފުރުސަތު ލިބިފައިނުވާތީ، އެ މައްސަލަ އަލުން ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށް އެދޭކަމަށް އަދީބު ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު