ކޮވިޑް 19އަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ ކުރީގެ މެންބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެއެވެ.

އިސްމާއިލް ޒަކަރިއްޔާގެ ދަރިކަލުން، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވަނީ އޭނާގެ ބައްޕާފުޅު އަވަހާރަވެފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ.

އާޒިމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ބައްޕާފުޅު އަދި ރ. އަތޮޅުގެ ކުރީގެ މަޖިލިސް މެންބަރުކަން ކުރެއްވި ރ. ކަނދޮޅުދޫ އިސްމާއިލް ޒަކަރިއްޔާ، ކޮވިޑް 19އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު އަވަހާރަވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ. އަދި އިސްމާއިލް ޒަކަރިއްޔާގެ ހާލު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ މިދިޔަ މަހު 14 ވަނަ ދުވަހުއެވެ.

ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އިސްމާއިލް ޒަކަރިއްޔާއަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްގެ ވެސް ބައްޕައެވެ. އިސްމާއިލް ޒަކައްރިއްޔާ އެންމެ ފަހުން މަސައްކަތްކުރެއްވީ ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާގައެވެ.

އިސްމާއިލް ޒަކަރިއްޔާ ކޮވިޑަށް ފަރުވާ ހޯއްދަވަމުން އަންނަނިކޮށް އަވަހާރަވުމާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު މިވަނީ 33 އަށް އަރައިފައެވެ.

ރާއްޖެއިން މިހާތަނަށް 9،173 މީހުންނަށް ކޮވިޑް ޖެހުނު އިރު، 7،326 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 113 މީހަކަށް އަންނަނީ ފެސިލިޓީތަކުގައި ފަރުވާދެމުންނެވެ.