ރައީސް މައުމޫން އަބްދުލް ގައްޔޫމް

21 ދުވަހަށްފަހު ރައީސް މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެޑްމިޓް ކުރިތާ 21 ދުވަސް ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އުމުރުފުޅުން 81 އަހަރުގެ ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައި މިވަނީ އެޑްމިޓްކުރިތާ 21 ދުވަސް ފަހުންނެވެ.

ގެއަށް ވަޑައިގެން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން ކޮވިޑް ބަލިން ޝިފާ ލިބިގެން ހެޔޮހާލުގައި ދަރުމަވަންތަ ހޮސްޕިޓަލުން ގެއަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި އެކިއެކި ބަލިބަލި ތަހައްމަލު ކުރާ ހުރިހާ ބޭފުޅުންނަށް އެމަނިކުފާނު ވަނީ އަވަސް ޝިފާއަކަށް އެދިވަޑައިގެން ދުއާ ކުރައްވައިފަ އެވެ.

ރައީސް މައުމޫންގެ އާއިލާއާ ގާތް ބޭފުޅަކު "ވަން" އަށް ވިދާޅުވީ، ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި 21 ދުވަސް ވަންދެން ހޮސްޕިޓަލުގައި އެމަނިކުފާނު ބޭއްވީ ކޮވިޑުން ރަނގަޅުވި ނަމަވެސް ސިއްހީ ހާލުކޮޅު މޮނީޓާ ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.