އެމްޑީޕީގެ އިސް ލީޑަރު އޮޅުވާލައި ގައްދާރުވެފައިވާ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ލަތީފު މަގާމުން ވަކިކޮށްދޭން އެދި އެ ޕާޓިގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުވެއިބު އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް ބާރު އަޅުއްވައި ދެއްވުމަށް އެދިވަޑައިގެން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީފުޅާއި ގުޅިގެން ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް ޝުވެއިބު ފޮނުވި ސިޓީގެ ޖަވާބުގައި ހަސަން ލަތީފު އޭނާއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް މަގާމަކީ އެޕާޓީގެ ރައީސްގެ މަގާމު ކަމަށެވެ.

ހަސަން ލަތީދު ދެއްވި އެ ޖަވާބާ ގުޅިގެ ޝުވެއިބުގެ މިއަދު ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް މަގާމަކީ ރައީސް ނަޝީދު ކަމަށް ހަސަން ލަތީފު އޭނާއަށް ފޮނުވި ސިޓީގައި ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު އެމްޑީޕީގެ އަސާސީ ގަވާއިދުގައި ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީގެ އެންމެ އިސްފަރާތަކީ އެވަގުތަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ޕާޓީގެ މެންބަރު ކަމަށް ގަބޫލުނުކުރެއްވުމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއް ކަމުގައި ދެކޭ ކަމަށް ސިޓީގައިވެ އެވެ.

"... ޕާޓީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގައި މުތުލަގަށް ބަޔާންކުރާ ޕާޓީގެ އިސްލީޑަރު ނަފީކޮށް ދޮގުން އެހެން މާއްދާއަކަށް ރިޔާއަތްކޮށް ޕާޓީގެ އިސްލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ޗެއާޕާސަން ހަސަން ލަތީފު މިހާރުން މިހާރަށް މަގާމުން ދުރުކޮށް ދެއްވުމަށް ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ ހައިސިއްޔަތުން އިހުލާސްތެރިކަމާޢެކު މަނިކުފާނަށް ދަންނަވަމެވެ،" ޝުވެއިބުގެ ސިޓީގައި ވިދާޅުވި އެވެ.

އެ ސިޓީގައި އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ގައްދާރު އަމަލުތަކުން އެމްޑީޕީގެ ކޮންގުރެސް އިން ފާސްކޮށްފައިވާ އަސާސީ ގަވާއިދުގައި ބުނެފައިވާ މާއްދާތަކަށް ފުރިހަމައަށް ތަބާވެގެން މެނުވީ 2023 ގައި އެމްޑީޕީއަށް ކުރިމަގު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެމްޑިޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ޕާޓީ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެމީހެކެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް އެވެ. ނަމަވެސް އެއީ ރައިސުލްޖުމްހޫރިއްޔާއަކީ ޕާޓީގެ އެންމެ އިސް މަގާމު ކަމެއް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައެއް ނުވެއެވެ. އަސާސީ ގަވާއިދުގެ 78 ވަނަ މާއްދާގައި ބުނާގޮތުން ޕާޓީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސްއެވެ.