ޚަބަރު

މަގާމުގެ މުސާރަ ނޫން އެހެން އާމްދަނީއެއް ލިބޭތޯ އެއްވެސް ތަހުގީގެއްގައި ސުވާލެއް ނުކުރޭ: ޔާމީން

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މުސާރަ ނޫން އެހެން އާމްދަނީއެއް ލިބޭތޯ އެއްވެސް ތަހުގީގެއްގައި އެމަނިކުފާނާ ސުވާލު ކުރައްވާފައިނުވާ ކަމަށް މަނީލޯންޑަރިންގެ މައްސަލައިގައި، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ފުލުހުން އެދިގެން އެމަނިކުފާނުގެ ބޭންކު އެކައުންޓުތައް ފުރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުން ހައިކޯޓުން ބާތިލް ކުރުމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި އިސްތިއުނާފުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުންނެވެ.

ދިފާއުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ބޭންކު އެކައުންޓުތައް ފްރީޒް ކުރުމުގެ އަމުރަކަށް އެދިފައިވާ، އެމްއެމްއޭގެ އެސްޓީއާރަކީ އޭގެ ޒާތުގައި ތަހުގީގެއްނޫން ކަމަށާއި، އެއީ ތަހުލީލެއް ވެސްނޫން ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ. އެކަމަށް ތުހުމަތު ކޮށްފައި ވަނީ، ފުލުހުންގެ ތަހުގީގަށް ދީފައިވާ އެމްއެމްއޭގެ އެސްޓީއާރަށް ނިސްބަތް ކޮނެވެ. އޭގައި ބުނެފައިވަނީ، އެމަނިކުފާނބުގެ އެކައުންޓުން ގޮތްނޭނގޭ މުއާމަލާތްތަކެއްކޮށްފައިވާ ކަމަށްބުނެ އެކަން ތަހުގީގު ކޮށްދިނުމަށެވެ.

ރައީސް ޔާމީިން މިއަދު ވިދާޅުވީ، މީހެއްގެ އަތުގައި ފައިސާ ހުރުމަކަށް، ރާއްޖޭގެ އެއްވެސް ގާނޫނެއް މަނާ ނުކުރާ ކަމަށެވެ.

އެމަނިކުފާނަކީ، ސިޔާސީ މީހެއް ކަމަށާއި، ސިޔާސީ ޕާޓީ ހިންގާ، ސިޔާސީ ހަރަކާތްތަކެއް ހިންގާ މީހެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު އުޅުއްވަނީ، 1993 ވަނަ އަހަރުން ފެށިގެން ގެދޮރު ކުއްޔަށްދެއްވައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނު އަދާކުރައްވާ މަގާމުން ލިވޭ އާމްދަނީގެ އިތުރުން، އިތުރު އާމްދަނީއެއްލިބޭތޯ، އެއްވެސް ތަހުގީގެއްގައި، ސުވާލު ކޮށްފައިނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްފަހަރުވެސް އަޅުގަނޑާ ސުވާލެއް ނުކުރައްވާ، މަގާމުގެ މުސާރަ ނޫން އެހެން އާމްދަނީއެއް ލިބޭތޯ ވެސް ސުވާލެއް ނުކުރައްވާ، އަދި ފަހުން ފުލުން ކުރެއްވި ތަހުގީގުގައި އަޅުގަނޑަށް ލިބިފައިހުރި ފައިސާ އަޅުގަނޑު ހުންނާނީ ފުލުހުންނަށް ސާބިތުވެސް ކޮށްދީފައި، އެއީ އަޅުގަނޑަކީ ގެދޮރު ކުއްޔަށް ދީގެން އުޅޭތާ ވަަރަށްގިނަ ދުވަސްވެ، 93 ވަނަ އަހަރުންފެށިގެން، މިހުރިހާ ތަހުގީގަކާއި، މި ހުރިހާ މައުލޫމާތެއް ހުރެގެން އެބޭފުޅުން އަދިވެސް އެކަން ދަމަހައްޓަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ހަމައެކަނި އެމަނިކުފާނަށްލިބޭ މުސާރައަކީ، އާމްދަނީ ކަމަށް ބަލައިފަ، އާމްދަނީއާ ނުބައްދަލު ފައިސާގެ މުއާމަލާތް ކުރަނީކަމަށް ބެލުމަކީ ގަބޫލު ކުރެވޭކަމެއްނޫން ކަމަށެވެ.