މާލޭގައި އިއްޔެ ބޭއްވި ސައިކަލު ބުރާއި ގުޅިގެން ހައްޔަރުކުރި 40 މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއް ނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުމާ ހިލާފަށް އެއްވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި ވަނިކޮށް އިއްޔެ ބޭއްވި ސައިކަލު ބުރުގެ ތެރެއިން 41 މީހަކު ފުލުހުން ހައްޔަރުކުރި އެވެ.
ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކުރީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުމާ ގުޅިގެންނެވެ. އިއްޔެގެ ސައިކަލް ބުރު ރޫޅާލަން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ، އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން 40 މީހަކު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާއި ބާކީ ހުރި މީހާ އަދިވެސް ހުރީ ހައްޔަރުގައި ކަމަށެވެ. އޭނާ ހައްޔަރުގައި ހުރީ ފުލުހުންނަށް އިންޒާރު ދިނުމުން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އިދިިކޮޅު ކޯލިޝަންގެ ޒުވާނުން ވަނީ މިިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހަވީރު ވެސް މާލޭގައި ސައިކަލު ބުރެއް ބާއްވައިފައެވެ. އެ ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑުލައިނާ ހިލާފަށް އަމަލުކޮށްފައިވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ފުލުހަށް ހާޒިރުކޮށް ވަނީ ޖޫރިމަނާކޮށްފަ އެވެ.
އޭގެ އިތުރުން ސިޔާސީ ޕާޓީގެ ގާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭގެ ގައިޑުލައިނާ ތަކުރާރުކޮށް ހިލާފު ވުމުން އިލެކްޝަން ކޮމިޝަނުން ވަނީ ޕީޕީއެމް އާއި ޕީއެންސީ 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އަދި އެ ފައިސާ ދައްކަން އިދިކޮޅުން ވަނީ މިދިޔަ ހުކުރު ދުވަހު ފަންޑު ފޮއްޓެއް ވެސް ހުޅުވައިފަ އެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް