ސްކޭމްގެ ދެ މައްސަލައެއްގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލި ދެ މައްސަލައަކާ ގުޅިގެންނެވެ. މި ދެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، އަލީ އައްފާން (32އ) އާއި ނ. ހޮޅުދޫ، ޕްލާޒާ، މުހައްމަދު ހަމީދު (34އ) އަދި ނ. ވެލިދޫ، ވީނަސް، ހައްސާނު އަލީ (34އ) އެވެ.
މި ތިން މީހުންގެ ތެރެއިން ހައްސާނު އަލީ ހައްޔަރުކޮށްފައިވަނީ، މިދިޔަ މަހުގެ ދެވަނަ ދުވަހު ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި، ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން 30،000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހު ނ. ވެލިދޫން އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، އަލީ އައްފާނާއި މުހައްމަދު ހަމީދު ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާ ކަމަށް ބުނެ، މަކަރާއި ހީލަތުން 30،000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ނ. ހޮޅުދޫން އެ ދެ މީހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސްކޭމްގެ މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް