ދިވެހިރައްޔިތުންގެ ޕާޓީ

އިއްޔެ ހައްޔަރުކުރި މީހުންނާއި ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް ޑީއާރުޕީން ގޮވާލައިފި

އިބްރާހިމް ޒަކީ

1

އިދިކޮޅު ޕީޕީއެމް ޕީއެންސީން ބައިވެރިވެގެން އިއްޔެ ބޭއްވި ސައިކަލް ބުރުގެ ތެރެއިން ހައްޔަރުކުރި މީހުންނާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ވަގުތުން ދޫކޮށްލުމަށް ޑީއާރުޕީން ގޮވާލައިފިއެވެ.

އެކަމަށް ގޮވާލައި ޑީއާރުޕީން މިއަދު ބުނީ ކޮވިޑް 19 އުޒުރަކަށް ހަދައި ހިޔާލު ފާޅު ކުރަން ރައްޔިތުން މަގުމައްޗަށް ނުކުތުމުން ވެރިޔަކީ ކާކުކަން އޮޅިފައިވާ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މިނިވަން ކަމަށް އަރައިގަތުން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.

"އެއްވުމުން ހައްޔަރުކުރި އެންމެނާއި ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން ވަގުތުން ދޫކޮށްލާ!" ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރުޕީން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މާލޭގެ މަގުތަކުގައި އިއްޔެ ހަވީރު ފެށި ސައިކަލުބުރުގެ ތެރެއިން 41 މީހުން ހައްޔަރުކޮށް ފުލުހުން ވަނީ ބައެއް ސައިކަލް ޓޯ ކޮށްފައެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުމާ ގުޅިގެން ކަމަށެވެ.

އިއްޔެ ހައްޔަރު ކުރި އެންމެން ވަގުތުން ދޫކޮށްލުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ވެސް ވަނީ ގޮވާލައިފައެވެ. އޭގެ އިތުރުން މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެން ހުންނެވި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ވަނީ އެމީހުން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ.