ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ދައްކަންޖެހޭ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާކުރުވުމަށް އެ ކުންފުނިން ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
ހައިކޯޓުން އިއްޔެ އާންމުކުރި "ދައުވާ ފޯމު ބާތިލުކުރި ރިޕޯޓު" ގައިވާ ގޮތުން އެމްޓީސީސީން ވަނީ އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި އެ މައްސަލަ އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބުނެ މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހައިކޯޓަށް ސިޓީއެއް ފޮނުވައިފައެވެ.
އެހެންވެ ހައިކޯޓުގެ ގަވާއިދުގެ ދަށުން އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރުމަށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން ވަނީ އިއްތިފާގުވެފައެވެ.
މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރްހީޒާ (ރިޔާސަތު) އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.
ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ ދަރަންޏަށް މައުމޫން ޒިންމާކުރުމަށް ހުށަހެޅި މައްސަލައިގައި އެ ދަރަންޏަށް މައުމޫނު ޒިންމާ ނުކުރެވޭނެ ކަމަށް 2023 ވަނަ އަހަރުގެ ޖޫން މަހު ސިވިލް ކޯޓުން ވަނީ ނިންމައިފައެވެ. އެ ނިންމުމާ ގުޅިގެން އެ ހުކުމް އިސްތިއުނާފު ކުރުމަށް އެމްޓީސީސީން ހައިކޯޓަށް ހުށަހެޅީ 8 ޖޫން 2024 ގައެވެ.
އެމްޓީސީސީން ޑީއާރުޕީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެމްޓީސީސީން 1.1 މިލިއަން ރުފިޔާގެ ހިދުމަތް ޑީއާރުޕީއަށް ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އެ ޕާޓީން ފައިސާ ދައްކާފައިނުވާ ކަމަށެވެ.
ކުރިން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް އެބަހުއްޓެވެ.
ޑީއާރުޕީގެ ކުރީގެ ލީޑަޝިޕުން ޕާޓީގެ ދަރަނިތައް ނުދައްކައި، ޕާޓީގެ މެންބަރުންގެ ބޮލުގައި އެ ދަރަނިތައް އަޅުވާފައިވާ ކަމަށް ތުހުމަތުކޮށް އެ ޕާޓީގެ ކުރީގެ ޒައީމް މައުމޫނަށް ދައުވާކުރަން އެ ޕާޓީގެ އޭރުގެ ކައުންސިލުން 13 އޮކްޓޯބަރު 2020 ގައި ނިންމިއެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު