ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ދައްކަން ޖެހޭ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާކުރުވުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުންތައް ފެށުން ލަސްކޮށްފިއެވެ.

ސުޕްރީމް ކޯޓުން އަޑުއެހުން ތަވާލުކޮށްފައިވަނީ މިއަދު ފަށާ ގޮތަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައި މިވަނީ މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ ނުވަމަސްދުވަސް ފަހުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ތާވަލުން އެ މައްސަލަ ވަނީ ނަގައިފައެވެ. އެ މައްސަލަ ތާވަލުން ނަގައިފައިފަނީ އެމްޓީސީސީން އެދިގެންނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ޑީއާރުޕީން އެމްޓީސީސީއަށް ދައްކަން ޖެހޭ ދަރަންޏަށް މައުމޫން ޒިންމާކުރުމަށް ހުށަހެޅި މައްސަލައިގައި، އެ ދަރަންޏަށް މައުމޫނު ޒިންމާ ނުކުރެވޭނެ ކަމަށް 2023 ވަނަ އަހަރުގެ ޖޫންމަހު ސިވިލް ކޯޓުން ވަނީ ނިންމައިފައެވެ. އެ ނިންމުމާ ގުޅިގެން އެމްޓީސީސީން ވަނީ އެ ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅައިފައެވެ.

އެމްޓީސީސީން ޑީއާރުޕީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެމްޓީސީސީން ވަނީ 1.1 މިލިއަން ރުފިޔާގެ ހިދުމަތް ޑީއާރުޕީއަށް ފޯރުކޮށްދީފައި ކަމަށާއި ނަމަވެސް އެ ޕާޓީން ފައިސާ ދައްކައިފައި ނުވާ ކަމަށެވެ.

ކުރިން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް އެބަހުއްޓެވެ.

ޑީއާރުޕީގެ ކުރީގެ ލީޑަޝިޕުން ޕާޓީގެ ދަރަނިތައް ނުދައްކައި، ޕާޓީގެ މެންބަރުންގެ ބޮލުގައި އެ ދަރަނިތައް އަޅުވާފައިވާ ކަމަށް ތުހުމަތުކޮށް އެ ޕާޓީގެ ކުރީގެ ޒައީމް މައުމޫނަށް ދައުވާކުރަން އެ ޕާޓީގެ އޭރުގެ ކައުންސިލުން ވެސް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ނިންމިއެވެ.

ޑީއާރުޕީ ދަރަނީގެ ތެރެއިން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޑީއާރުޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ 718،438 ރުފިޔާ ދައްކަން ޖެހޭ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި ހިނގަމުން އެބަދެއެވެ. އެ މައްސަލައިގެ އަޑުއެހުމަކަށް އެއިރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަޑައިގެން މައުމޫން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގަތެވެ. ނަމަވެސް އެގޮތަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ.

ހަބުން ޑީއާރުޕީއަށް ފޯރުކޮށްދިން ކަމަށް ބުނެފައިވަނީ 2008 ވަނަ އަހަރު ޑީއާރުޕީގެ ފަރާތުން މައުމޫން ކެމްޕެއިނަކަށް ވަޑައިގެންނެވުމަށް ލައިޓިން އާއި އިންޖިނިއަރިންގެ ހިދުމަތްތަކެކެވެ.