ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި އެ ޕާޓީގެ ލީޑަރަކަށް އެންމެ ފަހުން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 4.04 މިލިއަން ރުފިޔާ ޑީއާރުޕީން ނުދައްކައި އޮތް މައްސަލައެކެވެ.
އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އެރި ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނި ކުރުމަށްފަހު، ހިދުމަތުގެ އަގު އެކަނި ނަގައިދިނުމަށެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދު ކުރިއެވެ. އެހެންކަމުން އާމިރު ސިވިލް ކޯޓުގައި ދައުވާކުރީ، ހިދުމަތުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާ ހޯދަން ކުރި ތަންފީޒީ މައްސަލައެއްގެ ގޮތުގައެވެ.
ނަމަވެސް، އެ މައްސަލަ ކޯޓުގައި އޮއްވައި ސިޔާސީ ޕާޓީއެއްގެ ޝަރުތުތައް ފުރިހަމަ ނުވެގެން ޑީއާރްޕީ ވަނީ އުވާލައިފައެވެ.
އެ ޕާޓީ އުވާލި އިރު ގިނަ އަދަދެއްގެ ދަރަނި އޮތެވެ. އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ އެ ދަރަންޏަށް ޒިންމާވާން ޖެހޭނީ ޕާޓީ އުވާލިި އިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށެވެ. ޑީއާރްޕީ އުވާލި އިރު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މުހައްމަދު ނަޝީދެވެ.
އެހެންކަމުން ނަޝީދުގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ އެ ހިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް