އެމްޑީޕީގެ އެންމެ އިސް މަގާމަކީ އެޕާޓީގެ ރައީސްގެ މަގާމުކަމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފު މިގޮތަށް ވިދާޅުވެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް ބާރު އަޅުއްވައި ދެއްވުމަށް އެދިވަޑައިގެން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީފުޅާއި ގުޅިގެން ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުއައިބު އަލީ ފޮނުއްވި ސިޓީއަށް ޖަވާބު ދެއްވައި ފޮނުއްވި ސިޓީގަ އެވެ.
ޝުއައިބަށް ހަސަން ލަތީފު ފޮނުއްވި ސިޓީގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމަކީ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުފޫޒު ފޯރުވުން ކަމަށް ނުދެކޭ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސިޓީގައި އެދިވަޑައިގެންފައިވާ ކަންކަމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމުގައި ނުދެކޭ ކަމަށެވެ.
އޭގެ އިތުރުން ރައީސް ނަޝީދު ފޮނުއްވާފައިވާ ސިޓީފުޅަކީ އެމަނިކުފާނުގެ އަމިއްލަފުޅު ހައިސިއްޔަތުން އަދި އަމިއްލަ ހިޔާލުފުޅުގެ މައްޗަށް ލިޔުއްވައި ފޮނުއްވާފައިވާ ސިޓީއެއް ނޫން ކަމަށާއި އެ ސިޓީފުޅަކީ އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަދި ޕާޓީގެ ރައީސްގެ ހިޔާލުފުޅު ލިޔުއްވައި ފޮނުއްވާފައިވާ ޕާޓީގެ ރަސްމީ ސިޓީއެއް ކަމަށް ހަސަން ލަތީފު ވިދާޅުވެފައިވެ އެވެ.
ހަސަން ލަތީފުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ޕާޓީގެ ރައީސްގެ މަގާމަކީ ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ ފަރާތަކީ ވެސް އެއީ ކަމަށެވެ.
"މި ޕާޓީގެ ރައީސްގެ މަގާމަކީ ޕާޓީގެ އެންމެ އިސް މަގާމެވެ. ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސްފަރާތެވެ. އެހެންކަމުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާކުރެއްވުމާއި، އެވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައިރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސައްކަތުގެ މަސްއޫލިއްޔަތެކެވެ." ހަސަން ލަތީފުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ހަސަން ލަތީފު މިހެން ވިދާޅުވި އިރު، އެމްޑިޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ޕާޓީ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެމީހެކެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް އެވެ.
ނަމަވެސް އެއީ ރައިސުލްޖުމްހޫރިއްޔާއަކީ ޕާޓީގެ އެންމެ އިސް މަގާމު ކަމެއް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައެއް ނުވެއެވެ. އަސާސީ ގަވާއިދުގެ 78 ވަނަ މާއްދާގައި ބުނާގޮތުން ޕާޓީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސްއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު