ނ. މަނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

މަނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަން ކަށަވަރު ކޮށްދެއްވައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ އެރަށުން މިއަދު ޕޮޒިޓިވްވި މީހާ، ސާމްޕަލް ދިނުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ބޭރުގައި އުޅުމުން ކަމަށެވެ.

ނ. މަނަދޫން މިއަދު ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި ފިރިހެނެކެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލުންނެވެ.

މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ވެސް މަނަދޫ މޮނީޓަރިންގެ ހާލަތަށް ގެނަ އެވެ. އެއީ އެރަށުން ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ އަންހެނަކާ ކޮންޓެކްޓުވި ބަޔަކު ޕޮޒިޓިވް ވެގެންނެވެ.