ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ޗެމްޕިއަންކަން މަނަދޫން ހޯދައިފިއެވެ.

އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.

ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން އަތޮޅު މުބާރާތްތައް ފަށާފައިވާ އިރު، ރީޖަނަލް ލީގުތަކުން ރާއްޖޭގެ ފުރަތަމަ ޑިިވިޝަނަށް އެރޭނެ މަގު މިހާރު ވަނީ ތަނަވަސް ކޮށްފައެވެ.

އެޓޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ހދ އަތޮޅު މުބާރާތް ކުރިއަށް ގެންގޮސްފައިވާ އިރު، އެ މުބާރާތުގެ ތަށި ހޯދީ ކުޅުދުއްފުއްޓެވެ. ނ. އަތޮޅުގެ ޗެމްޕިއަންކަން މަނަދޫ ހޯދި އިރު، އެ އަތޮޅުން ބައިވެރިވެރިވީ ދެ ރަށުންނެވެ.

އެހެންކަމުން ދެ ރަށުގެ މެދުގައި ހޯމް އަދި އަވޭ މެޗެއް ކުޅެ، އެގްރިގޭޓުން ޗެމްޕިއަންކަން ކަނޑައަޅާފައިވާ އިރު، މަނަދޫން ކުރި ހޯދީ 5-3 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ލެގު، މިމަހު ނުވަ ވަނަ ދުވަހު މަނަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު އިރު، އެމެޗުން މަނަދޫ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި، މަނަދޫގެ ގޯލްތައް ޖެހީ މިފްޒާލް އަބްދުﷲގެ އިތުރުން އަހުމަދު އަލީއެވެ. މިފްޒާލް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. ކެނދިކުޅުދޫގެ ގޯލްތައް ޖެހީ، އަފްރާހު މުހައްމަދާއި މުހައްމަދު އަރީހެވެ.

އިއްޔެ، ކެނދިކުޅުދޫގައި ކުޅުނު ދެވަަނަ ލެގުގެ މެޗުން މަނަދޫ މޮޅުވީ 2-1 އިންނެވެ. މެޗުގައި ކެނދިކުޅުދޫގެ ގޯލް ޖެހީ އަފްރާހެވެ. އަދި، މަނަދޫގެ ގޯލްތައް ޖެހީ، ޒަލީޝާން ހަސަނެވެ.