ލ. އަތޮޅުން ފުރައިގެން ހުވަދުއަތޮޅަށް ދަތުރު ކުރަމުން ދަނިޔޮށް ދިޔަވެ ރޭ ދަންވަރު އަޑިޔަށް ދިޔަ "ފްރެންޑް 4" ދޯނި ބަންޑުން ޖަހާލައި އެއިން ގެއްލުނު ތިން މީހުން އެންމެ ފަހު ވަގުތާއި ހަމަޔަށްވެސް މަސައްކަތްކުރީ ދޯންޏާއި މީހުން ސަލާމަތްކުރެވޭތޯ ކަން "ވަން" އަށް އެނގިއްޖެއެވެ.
އަޑިޔަށް ދިޔަ ދޯންޏަކީ ތ. މަޑިފުށީގެ ދޯންޏެކެވެ.
އެނގިފައިވާ ގޮތުގައި ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދަނިކޮށް، ކަނޑުގަދަވެ ރާޅު ދޯނި ތެރެޔަށް އަރަން ފެށުމުން ދޯނީގެ ކައްޕި، ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން ވަނީ ސަލާމަތީ ބާރުތަކުގެ އެހީއަށް އެދިފައެވެ. އެއާއެކު، ގއ. ވިލިނގިލީގައި ތިބޭ ފުލުހުންގެ ޓީމަކާއި ގދ. ތިނަދޫން ސިފައިންގެ ޓީމެއް އެތަނަށް ގޮސް، އުޅަނދު ސަލާމަތް ކުރެވޭތޯ ބެލި އެވެ. އެ މީހުން ދިޔައީ ދިޔަ ހިއްކުމަށް ބޭނުންވާ ޕަމްޕުވެސް ހިފައިގެންނެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިންގެ ޓީމުން ގޮސް ފުރަތަމަ ސަލާމަތްކުރީ ދޯނީގައި ތިބި ފަޅުވެރީންނެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދިޔައީ އެ ހިސާބުން ދަތުރު ކުރި ކޮޅުވެއްޓިއެއްގައި ދޯނި ކަފު ޖަހައިގެންކަންވެސް އެނގިފައިވެއެވެ. ދޯނީގެ ދިޔަ ހިއްކުމަށް ދޯނީގައި އެ ވަގުތު ދެ ފުލުހަކާއި އެމްއެންޑީއެފްގެ އޮފިސަރެއްގެ އިތުރުން ދޯނީގެ ކެޕްޓަން ހަރަކާތްތެރިވަމުން ދިޔަކަމަށް މައުލޫމާތު ލިބެއެވެ.
"ކުއްލިއަކަށް ދޯނި އަރިއަޅާލައި އަޑިއަށް ދިޔައީ، އެއިރު ގެއްލުނު ތިން މީހުންގެ އިތުރުން އިތުރު ފުލުހަކުވެސް ދޯނީގައި ހުރި. ދޯނި އަޑިއަށްދާން އުޅުމުން އެ މީހާ މޫދަށް ފުންމައިލީ" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުންޏެވެ.
މި ހާދިސާގައި ގެއްލިފައިވާ ފުލުހުސް އޮފިސަރަކީ ނ. މަނަދޫ އަލީ ނާފިއު ކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ. އޭނާއަކީ ގއ. ވިލިނގިލީ މީހަކާ ކައިވެނިކޮށްގެން އުޅޭ މީހެއްކަންވެސް އެނގިފައިވެއެވެ.
"ވަން" އަށް މައުލޫމާތު ދެމުން ނާފިއުގެ އެކުވެރިޔަކު ބުނީ، އޭނާއަކީ ވަރަށް އަހުލާގު ރަނގަޅު އަދި އެންމެންނާވެސް ގުޅިގެން އުޅޭ މީހެއް ކަމަށެވެ. ނަމަވެސް މި ހާދިސާގައި އެމްއެންޑީއެފްގެ އޮފިސަރަކުވެސް ގެއްލިފައިވާއިރު އެެއީ ކާކުކަމެއް އަދި ސާފެއް ނޫނެވެ.
ހިލަޔާއި ހިލަވެލި ބަރުކޮށްގެން ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުނާއެކު ދަތުރުކުރަމުންދިޔަ މި ސަޕްލައި ދޯނި އަޑިޔަށް ގޮސްފައިވަނީ ރާޅު އަޅައި، އެ ދޯނި ދިޔަވަމުން ދަނިކޮށް، ފުލުހުންނާއި، ސިފައިން އެ ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، ދޯނި ދިޔަވެ އަޑިޔަށްދާތީ އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ، ރޭ 22:37 ހާއިރުގައެވެ. ހާދިސާ ހިނގި އިރު އެ ދޯނި އޮތީ، ހުވަދޫ ކަނޑުތެރެއިން އަތޮޅަށް ވަދެވޭ ހިސާބަށްވުރެ 2.96 ނޯޓިކަލް މޭލު ބޭރުގައެވެ.
އަލީ ޔާމިން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކޮމެންޓް