އަންނަ ނޮވެމްބަރު މަހުން ފެށިގެން ރ. އުނގޫފާރާއި ނ. މަނަދޫއާ ދެމެދު ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރުޓީއެލް) ފެރީއެއް ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ މަނަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ނ. އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ޑޮކްޓަރަށް ދެއްކުމަށް އުނގޫފާރަށް ދާންޖެހޭ ކަމަށާއި މަނަދޫން އުނގޫފާރަށް ޑައިރެކްޓްކޮށް އާރުޓީއެލްގެ ފެރީއެއް ބޭއްވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު އެކަމުގައި ދަންނަވާލަން ބޭނުންވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދެމެހެއްޓެނި ގޮތެއްގައި ޑައިރެކްޓް ފެރީ ލިންކެއް، މި ރަށުން އުނގޫފާރަށް އަދި އުނގޫފާރުން މި ރަށަށް ފްރީކުއަންޓްކޮށް ދުއްވޭގޮތަށް އާރުޓީއެލް ގާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން. އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހުގެ ތެރޭގައި އެކަން ފެށިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމެނިގެން އުނގޫފާރުގައި ޓާޝަރީ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އެއީ މުޅި ސަރަހައްދަށް އަންނަ ޓާޝަރީ ހޮސްޕިޓަލެއް ކަމަށެވެ. އެހެންކަމުން އުނގޫފާރުގައި ހަދާ ޓާޝަރީ ހޮސްޕިޓަލަށް ދަތުރުކުރުމަށް ޑައިރެކްޓް ފެރީ ލިންކެއް ބޭނުންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ އާރުޓީއެލް ފެރީގެ ހިދުމަތް ނ. އަތޮޅުގައި ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އަދި ރ. އަތޮޅުގައި އެ ހިދުމަތް ފަށާފައިވަނީ މިދިޔަ މަހުއެވެ.